ކުޅިވަރު

ގްރާންޑޭ އަތުން ސަސް އަށް ޕޮއިންޓެއް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ހަތް ވަނަ މިނެޓުގައި ކައިދަރޯވް އޮޓަބެކް އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާ ސަސްގެ ގޯލްކީޕަރު މިރްޒޯވް އުގްލީ ވަނީ ދިފާއުކޮށްފައެވެ. އަދި 29 ވަނަ މިނެޓުގައި ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ހިފަހައްޓައިފައެވެ. މި ހާފުގައި ގޯލު ޖަހާނެ ހުސް ތިން ފުރުސަތެއް ސަސްގެ ޖުނެއިދަށް ލިބި، ވަނީ ބޭކާރުވެފައެވެ. 21 ވަނަ މިނެޓުގައި އާދަމް އިޝާމް (ސަން) ހުރަސްކޮށްލި ބޯޅަ އޭރިޔާތެރެއިން ޖުނެއިދަށް ހުސްކޮށް ލިބުނު ނަމަވެސް ބޯޅައިގައި ރަނގަޅަށް ލައްވާލާގޮތެއްނުވިއެވެ. 30 ވަނަ މިނެޓުގައި އިޝާމަށް ހުސްކޮށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށްލި ނަމަވެސް ކީޕަރު އިޔާން އަބްދުލްއަލީމް ދިފާއުކުރި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ހުރަސް ދަނޑީގައި ޖެހިފައި އެ ބޯޅަ ލިބުނީ އޭރިޔާތެރޭ ހުސްކޮށް ހުރި ޖުނެއިދަށެވެ. އެކަމަކު ޖުނެއިދު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ދަ ގްރާންޑޭއިންނެވެ. 59 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒެވެ. އޭރިޔާ ތެރެއިން ސަސްގެ ޑިފެންޑަރުގެ ތެރެއިން ދެމިގަތުމަށް ފަހު އިފާޒަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކަނަށެވެ. ލީޑުގައި އޮއްވައި މެޗުގެ 64 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޢަބްދުﷲ ހަނީފް (ބެންޖޯ) އޮޓަބެކަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ އޭނާ ފޮނުވާލުމުން ސަސްގެ ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. ޖެހިގެން އައި މިނެޓުގައި ސަސްގެ ޖުނެއިދުގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޮނެޒާވާ އަޓްސޫޝީއެވެ.

މިއަދުގެ މެޗާ އެކު މި ދެޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭއިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު ސަސްއިން ވަނީ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފައެވެ.