ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެ ލީގުގެ ހަވަނައަށް


އިނގިރޭސި ލީގުގައި ޝެފީލްޑް ޔުނައިޓެޑު ބަލިކޮށް މެންޗެސްޓަރަ ޔުނައިޓެޑުން ތާވަލުގެ 6 ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގެ ކުޅުނު މެޗުން ޔުނައިޓެޑުން ޝެފީލްޑްގެ މައްޗަށް ކުރި ހޯދީ 3-2 ލަނޑުންނެވެ. މެޗު ފަށިގެން ފަސްމިނިޓުގެ ތެރޭގައި ޑޭވިޑް މެކްގޯލްޑްރިކް ޝެފީލްޑަށް ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ މާކޯސް ރަޝްފާޑުގެ ލަނޑުންނެވެ. ފުރަތަމަހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ކުރިހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލްއެވެ. މިއީ އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭނާ ވަނީ ވޭތުވެދިޔަ 11 މެޗުގައި ލަނޑެއް ނުޖެހި 683 މިނިޓު ހޭދަކޮށްފައެވެ. މެޗުގައި ޔުނައީޓެޑު ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރަޝްފޯޑެވެ. ރަޝްފޯޑް ވަނީ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑަށް މިހާތަނަށް 29 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ މި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރި ފަސް ލަނޑުވެސް ފެނިގެން ގޮސްފަވަނީ ރަށުންބޭރުގައި ކުޅުނު މެޗުތަކުގައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޝިއެފީލްޑުން ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ މެކްގޯލްޑްރިކްގެ ލަނޑުންނެވެ. ޔުނައިޓެޑުން ވަނީ އެންމެފަހުން ރަށުން ބޭރުގައި ކުޅުނު 10 މެޗުން ވެސް ފަހަތުން އަރައި ލަނޑު ޖަހައި މޮޅުވެފައެވެ. މިއީ އެޓިމުން މި ސީޒަނުގައި ރަށުން ބޭރުގައި ކާމިޔާބުކުރި 6 ވަނަ މެޗެވެ. މިހާތަނަށް ލީގުގައި އެންމެގިނައިން ރަށުން ބޭރުގައި ޕޮއިންޓް ނެގި ޓީމަކީ ޔުނައިޓެޑެވެ.

މިއީ ލީގުގައި ޝެފީލްޑްގެ އެންމެ ގޯސްނަތިޖާ ނެރުނު ފަހަރެވެ. އެޓީމަށް ލީގުގައި ކުޅުނު ފުރަތަމަ 13 މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. މި ނަތީޖާ އެކު ޔުނައިޓެޑު ވަނީ 12 މެޗުން 23 ޕޮއިންޓް ހޯދައިގެން ލީގުގެ 6 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރޭގައި ލީގުގައި އެސްޓޮންވިލާ އާއި ބާންލީ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.