ޚަބަރު

އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ އޮފީހެއް ޤާއިމްކުރަނީ


އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް އެންޓި-ޓިޕްގެ ނަމުގައި މިނިސްޓްރީ އޮފް ޑިފެންސްގައި ޚާއްސަ އޮފީހެއް ޤާއިމުކުރުމަށް ނިންމަވައިފިއެވެ.

ބައިނަލްއަޤްވާމީ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ދެއްވި މެސެޖުގައި ވިދާޅުވީ، މި އޮފީސް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ، އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށެވެ.

ހިޖުރާކުރާ މީހުންގެ ދުވަހާއި ގުޅޭ މެސެޖުގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހި މުޖުތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެއް ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދަޢުރާއި، ކުރަމުން އައި ބުރަ މަސައްކަތަކީ އަބަދުވެސް ފާހަގަކުރާ ޚިދުމަތްތަކެއްކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަން ބެލެހެއްޓެވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން މިނިސްޓަރ މާރިޔާ ވަނީ، ހިޖުރަކުރާ މީހުންގެ ޙައްޤުތަކަށް ބުރޫ ނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އިންސާނީ ވަގުފާރިކުރުމުގެ ކުށުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

"ލޭބަރަރއިން، ކޮންސްޓްރަކްޝަން މަސައްކަތްތެރިން، ޓީޗަރުން، ޑޮކްޓަރުން، އިންޖިނިއަރުން، މިއިން ކޮންމެ ކޮންމެ ދާއިރާއެއްގެ މީހަކީވެސް އަހަރަމެންގެ މުޖުތަމަޢު ބިނާކުރުމުގައި ބޮޑު ރޯލެއް އަދާކުރަމުންދާ ބައެއް. އެފަރާތްތަކަށް ދޭންވާ ރައްކާތެރިކަމާއި، އަދި ދިރިއުޅުމުގެ ޚާލަތު ރަނގަޅުކުރެވޭނެގޮތްތައް ބަލައި، އެ މިންގަނޑުތައް ކަނޑައަޅަމުން މިދަނީ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އިންސާނީ ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތްކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް މުހިންމު މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ކޮމިޓީގެ ރިޔާސަތު ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރުމާއި މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފާސްކުރައްވައި، އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ އަލުން ވަނީ އެކުލަވާލާފައެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަޤާމެއް އުފެއްދެވުމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝެލްޓަރެއް ޤާއިމްކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖައްސަވައި، އެތަން ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ. އަދި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ.