ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިއަހަރު ސިއްޙީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށްޓަކައި އަންނަ އަހަރަކީ އެންމެން ގުޅިގެން މަސައްކަތްކުރާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ ސަރުކާރުގެވެސް ވިސްނުމަކީ ލާމަރުކަޒީކޮށް އަތޮޅުތަކަށް ސިއްޙީ ނިޒާމު ވީހާވެސް ބޮޑަށް ފުޅާކުރުންކަމަށެވެ. އާސަންދަ މެދުވެރިކޮށް ދިހަހާހެއްހައި މީހުން އަހަރަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމާއި އަތޮޅުތަކުން ނުލިބޭ ޚިދުމަތް ހޯދުމަށް އެތަށް ބަޔަކު މާލެ ދަތުރުކުރާކުރުމަކީ ބަދަލުކުރަންޖެހިފައިވާ ކަމެއްގެގޮތުގައި ނައިބު ރާއީސް ފާހަގަކުރެއްވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮޮސްޕިޓަލަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ތަރައްޤީކުރާ ހޮސްޕިޓަލެއްކަމަށާ، މިމަކުގައި ހޮސްޕިޓަލްގެ މުއައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއަމާޒަށް ވާސިލުވުމަށް ހޮސްޕިޓަލްގައި ހުރި ދަތިތައް ބަލައި ކަންކަން ޙައްލުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
" 2020ގައި މަސައްކަތްތައް މަޑުޖެހިއްޖެ. މިކަމުން އަރައިގަރުމަށް ޓަރގެޓްތަކެއް ކަނޑައަޅައި ، މިކަމުން އަރައިގަތުމަށް އަންނަ 2021ގައު އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލަން. އިސްކަމެއްދޭނީ ޚިދުމަތްތައް ފަށާއިރު އެއީ ޒަމާނީ، އެހެން ސަރުކާރެއް އަޔަސް ބަދަލުކުރަން ނުޖެހޭ ފަދަ ޚިދުމަތަށް ހެދުން." ނައިބުރައީސް ވިދާޅުވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮޮސްޕިޓަލުންވަނީ އެހޮސްޕިޓަލްގައި މިވަގުތު ހުރި ދަތިތަކުގެ މަޢުލޫމާތު ނައިބު ރައީސްއާއި ކަމާގުޅޭ އިދާރާތަކާ ޙިއްސާކުރައްވާފައެވެ. އެގޮތުން ޖާގައާއި މުވައްޒަފުންގެ ދަތިކަން ފާހަގަކުރެވެއެވެ.
"އެކި ޑިޕަރޓްމަންޓްތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި. މައްސަލަތައް ދެނެގަންނަންމުން މިދަނީ. ޖާގައިގެ ދަތިކަން، އެކަށީގެންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމް ނެތް. ނަރުހުންނާއި މެޑިކަލް ސްޓާފުންގެ ދަތިކަންވެސް އެބަހުރި. 3-4 މަސްދުވަހުގެތެރޭގައި އެދެވޭ ބަދަލެއް ގެނެވޭނެ. " ޑރ.މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.
ކުރިން ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް އައްޑޫ އިކުއެޓޯރިއަލް ހޮޮސްޕިޓަލަށް މުޅިން ބަދަލުކޮށްފައިވަނީ މިއަހަރު އޭޕްރިލް މަހުގައެވެ.