ދުނިޔެ

ފައިޒާގެ ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަދީފި


ކުއްލި ޙާލަތުގައި އެމެރިކާގައި ފައިޒާގެ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ޙުއްދަ އެ ޤައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ދީފިއެވެ. މި ނިންމުމާއި އެކު ވަރަށް އަވަހަށް އެޤައުމުގެ ރައްޔިތުންނަށް ކޯވިޑް ވެކްސިން ދޭން ފަށާނެކަމަށް ބެލެވެއެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 16.2 މިލިއަން މީހުންނަށް ބަލިޖެހި 302،750 މީހުންވަނީ މަރުވެފައެވެ. ބައްޔާއި ދެކޮޅަށް އެ ޤައުމުގައި ވެކްސިން ދޭން ފެށުން ވެގެންދާނީ އެ ޤައުމުގެ ޙާލަތު ބަދަލުކޮށްލުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތަކަށެވެ.

ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުންޏާއި ފައިޒާއިން ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ހުރީ 95 އިންސައްތައަށްވުރެ މަތީގައެވެ. އެފްޑީއޭއިން ޙުއްދަދީފައިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންންނަށް ވެކްސިން ދިނުމަށެވެ. ވެކްސިން ދިނުމުގެ ފުރަތަމަ ބުރުގައި ދިނުމަށް ހަމަޖެހިފައިވާ ވެކްސިންގެ 2.9 މިލިއަން ޑޯޒް ދޭނެކަމަށް ބެލެވެނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ދިރިއުޅޭ މުސްކުޅިންނަށެވެ.

ފައިޒާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ އިތުރުން މޮޑާނާއިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ އެފްޑީއޭއިން ދީފިނަމަ މި މަހުގެ ތެރޭގައި އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނަށް ވެކްސިން ދެވޭނެކަމަށް ބެލެވެއެވެ. މޮޑާނާގެ ވެކްސިނަށްވެސް ހަތުފާއެއްގެ ތެރޭގައި ޙުއްދަދޭނެކަމަށް ބެލެވެއެވެ.

ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ފުރަތަމަ ދީފައިވަނީ އިނގިރޭސިވިލާތުގައެވެ. މި މަހުގެ ކުރީކޮޅުގައި އެ ޙުއްދަ ދިން ފަހުން އެ ޤައުމުގައި މިހާރު ވެކްސިން ދިނުންދަނީ ކުރިއަށެވެ. ކެނެޑާއިންވެސް ވެކްސިނަށް ޙުއްދަދީފ އެޤައުމުގައިވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ވެކްސިން ދޭން ފަށާނެއެވެ. ބަހުރައިނާއި މެކްސިކޯއިންވެސްވަނީ ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަދީފައެވެ.