ކުޅިވަރު

އިޓަލީގެ ވޯލްޑްކަޕް ތަރި ޕައޮލޯ ރޮސީ މަރުވެއްޖެ


އިޓަލީ އަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް ޕައުލޯ ރޮސީ އުމުރުން 64 އަހަރުގައި މަރުވެއްޖެއެވެ.

ސްޕެއިނުގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ރޮސީ ވަނީ އެ އަހަރު ބެލޮންޑިއޯ ވެސް ކާމިޔާބުކޮށްފައެވެ. އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެން ދިޔައީ އެ މުބާރާތުގެ ދެ ވަނަ ބުރުގައި ބްރެޒިލް އަތުން އިޓަލީ 3-2 އިން މޮޅުވި މެޗުގައި ރޮސީ ހެޓްރިކް ހަދާފައެވެ. ރޮސީ ގައުމީޓިމުން ވިދާލީ އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައެވެ. އެއީ އޭނާގެ ގައުމީ ޖާޒީގަ ފެނިލި ފުރަތަމަ ފެނިލުމެވެ.

ފިކްސިން މައްސަލައެއްގައި 1980 ވަނަ އަހަރު ތިން އަހަރަށް ސަސްޕެންޑްކުރުމުން އެ އަހަރު އަމިއްލަ ގައުމުގައި އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕުން އޭނާއަށް ފުރުސަތު ލިބުނެވެ. ރޮސީގެ އަދަބު ދެ އަހަރަށް ލުއިކުރުމުން 1982 ގެ ސީޒަނުގެ ފަހުކޮޅު ކުޅެން ނުކުތެވެ. ސަސްޕެންޝަނަށް ފަހު އެނބުރި އައިސް އިޓަލީއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ. ރޮސީ ކްލަބް ކެރިއަރު ފެށީ 1973 ވަނަ އަހަރު ޔުވެންޓަސް އިންނެވެ. އޭގެ ފަހުން 1976 ގައި ދެ ވަނަ ޑިވިޝަނުގެ ވިޗެންޒާ އަށް ބަދަލުވިއެވެ. އެއަށްފަހު އަނެއްކާވެސް 1981 ވަނަ އަހަރު އޭނާ ވަނީ ޔުވެންޓަސް ބަދަލުވެފައެވެ. ޔުވެންޓަސް ދޫކޮށް 1986 ގައި އޭސީ މިލާނަށް ކުޅުނެވެ.

ޕައުލޯ ރޮސީ ކުޅުން ހުއްޓާލީ ހެލަސް ވެރޯނާ އަށް އެއް ސީޒަން ކުޅުމަށް ފަހު 1987ގައެވެ. އޭނާ ވަނީ ކްލަބް ކެރިއަރުގައި 338 މެޗުން 134 ގޯލް ޖަހައިފަ. އިޓަލީ އަށް ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ރޮސީ ވަނީ އިޓަލީ ގައުމީ ޓީމަށް 48 މެޗުން 20 ގޯލް ޖަހައިދީފައެވެ. އަދި ނުވަ ގޯލާއެކު އޭނާ އަންނަނީ ވޯލްޑް ކަޕުގައި އިޓަލީ އަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ މަގާމް ރޮބާޓޯ ބާޖިއޯ އާއި ކްރިސްޓިއަން ވިއޭރީއާ ހިއްސާކުރަމުންނެވެ. ރޮސީ ވަނީ 1997 ވަނަ އަހަރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ މެޗެއްގައި ކުޅެފައެވެ. ގައުމީ ޓީމު އެކުވެރިކަމުގެ މި މެޗު ކުޅުނީ ރޮސީ ހިމެނިގެން އިޓަލީގެ ކުރީގެ ބައެއް ކުޅުންތެރިންނާއެކު އައި "ކްލަބް އިޓާލިއާ" އާ ދެކޮޅަށެވެ.

އިޓަލީގެ މީޑިއާއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އައީ ފަރުވާއެއް ނެތް ބައްޔެއްގެ ވޭން ތަހައްމަލުކުރަމުންނެވެ.