ޚަބަރު

އިންސާނީ ޙައްޤުތަކަށް ޢާއްމުން ހޭލުންތެރިވެފައިވާ މިންވަރުވަނީ އިތުރުވެފައި: އެޗްއާރުސީއެމް


އިންސާނީ ޙައްޤުތަކަށް ޢާއްމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ. 2005ވަނަ އަހަރު އެޗްއާރްސީއެމްއިން ހަދާފައިވާ "ދަ ރައިޓް ސައިޑް އޮފް ލައިފް" ސަރވޭގެ ތިންވަނަ އަޕްޓޭޑް މިއަދުވަނީ ނެރެފައެވެ. މި ރިޕޯޓް ނެރެފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅުވައިގެންނެވެ.

"ދަ ރައިޓް ސައިޑް އޮފް ލައިފް"ގައިވަނީ އިންސާނީ ޙައްޤުގެ 13 ދާއިރާއަކުން އާއްމުންގެ ޚިޔާލު ހޯދައި، ޙައްޤުތަކަށް ޢާއްމުން ހޭލުންތެރިވެފައިވާ މިންވަރު ބަލާފައެވެ. މި ސަރވޭގެ 3ވަނަ އަޕްޑޭޓާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެންބަރު ޝިފާތު ޢަބްދުއްރައްޒާގު ވިދާޅުވީ މިފަހަރުގެ ސަރވޭގައި ގެވެށި އަނިޔާއާއި ގުޅޭ ވަކި ޗެޕްޓަރއެއް ހިމަނައި މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ.

މި ސަރވޭގެ ހޯދުންތަކަށް ބަލާއިރު އަންހެނުންގެ ޙައްޤުތަކާއި ގުޅޭ ކަންކަން ކަންބޮޑުވާ މިންވަރަށް ގޯސްވަމުންދާކަމުގެ ހެކިތައް ފެންނަމުންދާކަމަށް ޝިފާތު ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކުގެ ޙާލަތު ގޯސްވަމުންދާކަމަށްބުނެ އާއްމުންގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. ޝިފާތު ވިދާޅުވީ މިކަމުން ދޭހަވީ މިފަދަ މައްސަލަތަކަށް ޙާއްލު ހޯދުމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށާއި، މިއީ މުޢައްސާތަކުން އިތުރަށް ސަމާލްކަން ދޭނެޖެހިފައިވާ މައްސަލަތަކެއްކަމެވެ. އަދި އިންސާނީ ޙައްޤުތަކަށް ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެފައިވާކަން މިފަހަރުގެ ސަރވޭއިން އެނގުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުން ހުރިހާ ބޭފުޅުވުންވެސް މި ސަރވޭގެ ހޯދުންތަކަށް ބެލުން. ޚާއްސަކޮށް މިދާއިރާކުން ދިރާސާ ކުރާ މީހުންނާއި، ޤާނޫނާއި ސިޔާސަތުތައް ހަދާ ފަރާތްތަކުން މި ސަރވޭގެ މަޢުލޫމާތަށް ރިޢާޔަތްކުރުން މުހިންމު". ޝިފާތު ވިދާޅުވިއެވެ.

."ދަ ރައިޓް ސައިޑް އޮފް ލައިފް" ސަރވޭގެ ހޯދުން ފުރަތަމަ ނެރެފައިވަނީ 2005ވަނަ އަހަރުއެވެ. އޭގެފަހުން ފުރަތަމަ އަޕްޑޭޓް ސަރވޭ ނެރުނީ 2011ވަނަ އަހަރުއެވެ. އަދި މި ނެރުނު 3ވަނަ އަޕްޑޭޓަކީ 2018 އަދި 2019ގެ ހޯދުންތަކަށް ނެރެފައިވާ އަޕްޑޭޓެކެވެ.

ކުރިއަށް އޮތްތަނުގައިވެސް މި ސަރވޭގެ އިތުރު އަޕްޑޭޓާއިއެކު، އިންސާނީ ޙައްޤުތަކާއި ގުޅިގެން އާއްމުންގެ ޚިޔާލު ހޯދުމަށް މި ސަރވޭ ކުރިއަށްގެންދާނެކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.