ޚަބަރު

ފަހު މެޗް ކާމިޔާބުކޮށް ސީޓީން ގުރޫޕްގެ 1ވަނައިގެ ގޮތުގައި 2ވަނަ ބުރަށް ދަތުރުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮޅަކާއެކު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާއިފިއެވެ.

އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިންޕިކް މާސޭގެ މައްޗަށް ކުރި ހޯދީ 3-0 ލަނޑުންނެވެ. މެޗުގައި ސީޓީގެ ލަނޑުތައް ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް، ސާޖިއޯ އަގުއޭރޯ އަދި ރަހީމް ސްޓާލިންގްއެވެ. މިއީ އަނެއްކާވެސް އަނިޔާއިން އެނބެރުއައިސް އަގުއޭރޯ ސިޓީއަށް ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯގެ މިލަނޑާއެކު އޭނާ ޖެހި ޗެމްޕިއަންސް ލީގުގެ ލަނޑުގެ އަދަދު ވަނީ 41 އަށް އަރާފައެވެ. މިސީޒަންގައި މިހާތަނަށް އަގުއޭރޯ ވަނީ ސިޓީއަށް 5 މެޗު ކުޅެދީފައެވެ. ޓޮރޭސް ވަނީ މުބާރާތުގައި ސިޓީއަށް ކުޅުނު 5މެޗުން 4 ލަނޑު ކާމިޔާބުކޮށްފައެވެ. ރަހީމް ސްޓާލިންގް ވަނީ މި ސީޒަންގައި ސިޓީއަށް 7 ލަނޑު ކާމިޔާބުކޮށްދީފައެވެ. ރޭގައި ޖެހި 3 ލަނޑާއެކު ސިޓީން ވަނީ ޔޫރަޕުގައި 100 ލަނޑު ހަމަކޮށްފައެވެ. އެއީ ގާޑިޔޯލާގެ ކޯޗުކަމުގައި ޔޫރަޕުގައި ކުޅުނު 43ވަނަ މެޗުންނެވެ. ރޭގައި ޓޮރޭސް ޖެހި ލަނޑާއެކު ސިޓީން ވަނީ އިއްތިހާދު ސްޓޭޑިއަމްގައި 1000 ލަނޑުހަމަކޮށްފައެވެ. އެއީ ސްޓޭޑިއަމްގައި ކުޅުނު 445 މެޗުންނެވެ. އެންމެ ފުރަތަމަ މި ދަނޑުގައި ސިޓީން ލަނޑެއް ކާމިޔާބުކުރީ 2003ވަނަ އަހަރު ޔޫއެފާ ކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

މުބާރާތުގައި ސިޓީގެ ކީޕަރު ވަނީ ގުރޫޕްގައި ކުޅުނު 5މެޗުގައި ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާލީ ފުރަތަމަ އިނގިރޭސި ކުލަބެއްގެ ކީޕަރައް ވެފައެވެ. ކުރިން މި ރެކޯޑް އޮތީ ލިވަޕޫލްގެ ކީޕަރު ޕެޕޭ ރެއިނާގެ އަތުގައެވެ. ރޭ މި ގުރޫޕްގައި ޕޯޓޯ އާއި އޮލިންޕިއާކޯސް ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ޕޯޓޯއެވެ. މި ނަތީޖާއެކު ސިޓީން ގުރޫޕް ސްޓޭޖު ނިންމާލީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ 1ވަނައިގެ ގޮތުގައެވެ. މިއީ މުބާރާތުގެ ތާރީހުގައި ގުރޫޕް ސްޓޭޖުގައި ސިޓީން އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފަހަރެވެ. ސިޓީ އަކީ ގުރޫޕް ސްޓޭޖުން 16 ޕޮއިންޓް ހަމަކުރި އިނގިރޭސި 4ވަނަ ކުލަބެވެ. މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑާ، އާސެނަލްގެ އިތުރުން ޓޮޓްނަމް ވަނީ ގުރޫޕް ސްޓޭޖުގައި 16 ޕޮއިންޓް ހޯދައިފައެވެ. އެންމެފަހުން ކުޅުނު 4 މުބާރާތުގައި ސިޓީ ވަނީ ގުރޫޕްގެ އެއްވަނަގައި ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ.