ޚަބަރު

އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް މެޓާނެޓީ ލީވް ލިބޭ ގަވާއިދެއް ތައާރަފްކޮށްފި


އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ވިހެއުމުން މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް (މެޓާނިޓީ ލީވް) ދޭން ޖެހޭ ގޮތަށް ފީފާ އިން ގަވާއިދެއް ތައާރަފް ކޮށްފިއެވެ.

އާ ގަވައިދުގެ ތެރޭ ހިމެނޭ މުހިއްމު ކަންތައްތަކަށް ބަލާއިރު އަންހެން ކުޅުންތެރިއަކު ވިހެއުމުން 14 ހަފްތާގެ ޗުއްޓީއެއް ދޭން ޖެހޭނެއެވެ. އަދި ބަނޑުބޮޑުކަން އެނގޭ ހިސާބުން ފެށިގެން ދެން އަމަލުކުރާނެ ގޮތެއް ކޮންޓްރެކްޓްގައި ލިޔަންޖެހޭކަމަށްވެސް އަލަށް އެކުލަވާލި ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެބައި ނުހިމެނޭ ގޮތަށް ހަދާ އެގްރީމެންޓެއް ރަސްމީކޮށް ދެން ބަލައިނުގަންނާނެކަމަށްވެސް ފީފާއިން ބުނެއެވެ. ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ބަނޑުބޮޑުވުމާ ގުޅިގެން އެ ކުޅުންތެރިއެއްގެ އެއްބަސްވުން ކެންސަލްކުރެވޭނީ ފީފާއާ އެކު މަޝްވަރާކޮށް އޮންނަ އުސޫލުތަކުގެ ތެރެއަށް ފެތޭނަމަ ކަމަށްވެސް އާ ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

މެޓާނިޓީ ލީވްގައި ހުންނަ މުއްދަތުގައި ކުޅުންތެރިޔާގެ މުސާރައިގެ ތިން ބައި ކުޅަ ދެ ބައި ހަމަޖައްސަން ޖެހޭނީ ކުޅުންތެރިޔާ ކުޅޭ ޓީމުންނެވެ. އެ ކުޅުންތެރިޔާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ސޮއިކުރެވޭގޮތަށް ވަނީ އެމަޖެންސީ ޓްރާންސްފާއެއް ކުރުމުގެ ފުރުސަތު ދީފައެވެ. މަޝްވަރާތައް ދިގުލައިގެން ދިޔުމަށްފަހު އަންހެން ފުޓްބޯޅަ އަށް މުހިއްމުވެފައިވާ ގަވާއިދު ހުށަހެޅީ މިދިޔަ މަހުގައެވެ. ފީފާ ކައުންސިލުގެ މިދިޔަ ހުކުރު ދުވަހުގެ ބައްދަލުވުމުގައި މި ގަވާއިދުވަނީ ފާސްކޮށްފައެވެ. އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ފުޓްބޯޅައިގަ އަންހެނުންގު ހިއްސާ އިތުރުކުރުމަކީ ދެވަނަ ދައުރަކަށް އިންތިހާބް ވެފައިވާ ފިފާގެ ރައީސް އިންފަންޓީނޯގެ ވައުދެކެވެ.