ކޯވިޑް-19

ކޯވިޑް-19 : އެންޓިބޮޑީ ސަރވޭ ހެދި މީހުންގެ ތެރެއިން %10 މީހުންނަށް ބަލިޖެހިފައިވަނީ ނޭނގި


އެންޓިބޮޑީ ސަރވޭ ހެދި މީހުންގެ ތެރެއިން %10 މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ނޭނގިކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)އިން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަރވޭގެ ހޯދުންތައް ހާމަކުރައްވާފައެވެ.

ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައި ވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަރވޭއެކެވެ.

މި ސަރވޭގެ ނަތީޖާ ދައްކާގޮތުން އެންޓިބޮޑީ ޓެސްޓް ހެދި މީހުންގެ ތެރެއިން ހަށިގަނޑުގައި އެންޓިބޮޑީޒް ހުރިކަމަށްދައްކާފައިވަނީ %13.4 މީހުންނެވެ. އަދި %86.6 މީހުންގެ ހަށިގަނޑުން ކޯވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރާނެ އެންޓިބޮޑީޒް ފެނިފައެއްނުވެއެވެ. ސާމްޕަލްނެގި މީހުންގެ ތެރެއިން އެންޓިބޮޑީޒް ގިނައިން ހުރިކަމަށް ދައްކާފައިވަނީ ދިވެހިންނަށްވުރެ ބިދޭސީންގެ ހަށިގަނޑުންނެވެ. އެގޮތުން ބިދޭސީންގެ %36.4 މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ފެނިފައިވާއިރު، އެއީ ބިދޭސީންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކެވެ. އަދި ދިވެހިންގެ ތެރޭގައި މި ނިސްބަތް %8.5ގައި އުޅޭއިރު، އެއީ ގާތްގަނޑަކަށް ކޮންމެ 11 މީހަކުން އެކަކެވެ.

މި ދިރާސާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރި މިންވަރާއި، ކުރިން ބައްޔަށް ޕޮޒިޓިވްވެފައިނުވާ ނުވަތަ ބަލި ޖެހިފައިވާކަން ނޭންގޭ މީހުންގެ ހަށިގަނޑުގައިވެސް އެންޓިބޮޑީޒް ހުރި މިންވަރު ވަނީ އަޅާކިޔާފައެވެ. އެގޮތުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އެންޓިބޮޑީޒް ފެނިފައިވަނީ %57.9 މީހުންގެ ހަށިގަނޑުންނެވެ. އަދި %42.1 މީހުންގެ ހަށިގަނޑަކުން އެންޓިބޮޑީޒް ފެނިފައެއްނުވެއެވެ. ކުރިން ބަލިޖެހިފައިވާކަން ނޭންގޭ މީހުންގެ ތެރެއިން އެންޓިބޮޑީޒް ފެނިފައިވަނީ އެންމެ %10 މީހުންގެ ހަށިގަނޑުންނެވެ. އަދި %90 މީހުންގެ ހަށިގަނޑަކުން އެންޓިބޮޑީޒް ފެނިފައެއްނުވެއެވެ.

ސީރޯ ޕްރިވެލަންސް ސަރވޭގެ ހޯދުންތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.އެން.ޔޫގެ ޑިރެކްޓަރ އޮފް ރިސަރޗް ޑރ.ރަހީމާ ޢަބްދުއްރަހީމް ވިދާޅުވީ، މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންޓިބޮޑީޒް ހަށިގަނޑުގައި ހުރިކަމަށް ދައްކާފައިވަނީ ގިނައިން މެދުއުމުރުފުރާގެ މީހުންގެ ކިބައިންކަމަށެވެ. އަދި ގިނަ ދުވަސް ވާރަކަށް ހަށިގަނޑުގައި އެންޓިބޮޑީޒް ހުންނަ މިންވަރު މަދުވަމުންދާކަމަށެވެ.

އެގޮތުން ބަލި ޖެހުނުތާ މަހެއްނުވާ މީހުންގެ ތެރެއިން %11.2 މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރިކަމަށް ދައްކާފައިވާއިރު، ބަލިޖެހުނުތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ ތެރޭގައި މި ނިސްބަތް އުޅެނީ %6 އިގައިކަމަށް ޑރ.ރަހީމާ ވިދާޅުވިއެވެ.

"ބޭރު ޤައުމުތަކުގެ ދިރާސާތަކުންވެސް ދައްކާގޮތުން ބައެއް ދިރާސާތަކުން ދައްކަނީ އެންޓިބޮޑީޒް 3 މަސް ވަންދެން ހުންނަކަމަށް. އަނެއްބައި ދިރާސާތަކުން 6 މަސް ވަންދެން. އަޅުގަނޑުމެން މި ހެދި ސަރވޭއިންވެސް ދައްކާގޮތުގައި ބައެއް މީހުންގެ އެންޓިބޮޑީޒް މި ހުންނަނީ 3 މަސްވަންދެން. އަނެއްބައި މީހުންގެ 6 ވަންދެން އެބަހުރޭ. އެހެންވީމަ ކަނޑައެޅިގެން މިހާ ދުވަހަށޭ އެންޓިބޮޑީޒް ހުންނާނީ ދަންނަވާކަށް ނޭންގޭނެ. ނަމަވެސް ޔަޤީންކަމާއެކީ ބުނެވެން އެބައޮތް ނަތީޖާތަކަށް ބަލާނަމަ ދުވަސްވާވަރަކަށް އެންޓިބޮޑީ މަދުވަމުންދާކަން" ޑރ.ރަހީމާ ވިދާޅުވިއެވެ.

މި ދިރާސާގެ ނަތީޖާތަކުގެ ސަބަބުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކަށް މާބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހޭނެކަމަށް އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް މި ދިރާސާ ފެށިއިރުގައިވެސް ކޮންމެވެސް ވަރެއްގެ އެކްސްޕެކްޓޭޝަނެއް އޮތް ނަތީޖާ އަންނާނެގޮތަކާމެދު. ހަޤީޤަތުގައި މި ދިރާސާއާ ވިދިގެން އަޅަންހުރި ފިޔަވަޅުތައް ވަރަށް ބޮޑަށް ބަދަލުވީސް އަޅުގަނޑުމެންނަށް ނޭނގި ބަލި ޖެހުނު މީހުންގެ ޕަސެންޓޭޗް ވަރަށް ބޮޑަށް ބަދަލުވިނަމަ. އޭރުން އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ބޮޑަށް ބަދަލުވެގެންދިޔައީސް. ނަމަވެސް މި ފެނިގެންދިޔައީ އަޅުގަނޑުމެން އެކްސްޕެކްޓޭޝަންގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ މިހާރު އަޅަމުންދާ ފިޔަވަޅުތަކަކަށް މި ދިރާސާގެ ސަބަބުންނެއް މާ ބޮޑު ބަދަލެއް ނާންނާނެ" ޑރ.އަފްޒަލް ވިދާޅުވިއެވެ.

އެޗް.ޕީ.އޭ އަދި އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަރވޭގެ ހޯދުންތައް ހާމަކޮށްފައިވާއިރު، މި ދިރާސާގެ އަލީގައި އެންޓިބޮޑީޒްއަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކާ އިތުރު ސަރވޭއެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ.