ޚަބަރު

ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 39 މީހުން


ރާއްޖެއިން އިތުރު 39 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިއިރު ދުވަހުގެ އިރުއޮއްސި 18:00އިން މިއަދު އިރުއޮއްސި 18:00އާ ހަމައަށް ޕޮޒިޓިވްވި 39 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 37 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ސިނާޢީ ރަށްތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،198އަށް އިތުރުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ރަނގަޅުވެފައިވަނީ 57 މީހެކެވެ. އެހެންކަމުން މިހާރު 12،321 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސް ނުވަތަ މިހާރު ފަރުވާދެމުން އަންނަނީ 823 މީހަކާށެވެ. އޭގެތެރެއިން 71 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޮޓަލިގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 47 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރިރު ނެގި 2،267 ސާމްޕަލާއެކު ޖުމްލަ 255،794 ސާމްޕަލެއް ނަގާފައިވެއެވެ.