ކުޅިވަރު

ބަޔާން މިއުނިކް އެއްވަނަ ދަމަހައްޓައިފި


ޖަރުމަނު ލީގުގައި ދެވަނައިގައި އޮތް ލީޕްޒިގްއާ އެއްވަރުކޮށް ބަޔާން މިއުނިކްއިން އެއްވަނަ ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލީޕްޒިގް އަތުން ބަޔާން އެއްވަރުވީ 3-3 ލަނޑުންނެވެ. މެޗުގައި ބަޔާންގެ ތޯމަސް މުލާ ދެލަނޑު ޖެހި އިރު އަނެއް ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއަލާއެވެ. ލީޕްޒިގަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ ކުންކޫގެ އިތުރުން ޖަސްޓިން ކުލަވެޓް އާއި އެމިލް ފޯސްބާގްއެވެ.

ލީގުގައި ބާޔާން ވަނީ އެންމެފަހުން ކުޅުނު 10 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ. އެންމެފަހުން ލީޕްޒީގާ ދެކޮޅަށް ބަޔާން ކުޅުނު ހަތަރު މެޗުވެސް އެޓީމުން ނަތީޖާއެއް ހޯދުނީ ފަހަތުން އަރައިއެވެ. އެންމެފަހުން ބަޔާންގައި ދަނޑުގައި ކުޅުނު ހަތަރު މެޗުގައި ވެސް ލީޕްޒިގަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެންމެފަހުން ބަޔާން ކުޅުނު ހަތަރު މެޗުން ވެސް ނަތީޖާއެއް ހޯދުނީ ފަހަތުން އަރައިއެވެ. ދެމެޗު ކާމިޔާބު ކުރި އިރު ދެމެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ވާދަވެރި ބްރޫޝިޔާ ޑޯޓްމަންޑް ވަނީ އެންޓްރެޗް ފްރޭންކްފާޓްއާ ރަށުން ބޭރުގައި ވާދަކޮށް 1-1 ލަނޑުން އެއްވަރުވެފައެވެ. ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރެއިބާގް އާއި ބްރޫޝިޔާ މޮންޗެލްބެކް މެޗު އެއްވަރުވި އިރު އެފްސީ ކުލޯން އާއި ވުލްފްބާގް މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އަރްމީނިޔާ ބެލަފޭލްޑް ވަނީ މެއިންޒް މައްޗަށް 2-1 ލަނޑުން ކުރިހޯދާފައެވެ.

މި ނަތިޖާއެކު 10 މެޗުން 23 ޕޮއިންޓް ހޯދައިގެން ލީގުގެ އެއްވަނައިގަ އޮތީ ބަޔާން މިއުނިކްއެވެ. 21 ޕޮއިންޓާއެކު ދެވަނައިގައި ލީޕްޒިގް އޮތްއިރު ތިންވަނަ ޑޯޓްމަންޑަށް ލިބެނީ 19 ޕޮއިންޓާއެކުގައެވެ.