ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާފައި ހުންނަ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އާ ހަމައަށެވެ. އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
ސަލްޓަންޕާކާއި ލޮނުޒިޔާރަތްޕާކު ހުޅުވާ ގަޑިތަކަށް ގެނައި ބަދަލާއެކު ކޮންމެ އާދިއްތަ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް މި ޕާކުތައް ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ. މާލެސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިދުވަހު ޕާކުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ޕާކުތަކުގެ ގަސްގަހާގެއްސައް ބޭސް ޖެހުމަށާއި، ކާނާ ދިނުމަށާއި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތުކޮށް ތަންސާފު ކުރުމުގެ މަސައްކަތް ކުރުމަށެވެ.
ލޮނުޒިޔާރަތް ޕާކު ހުޅުވާފައިވަނީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ބަންދު ކުރުމަށްފަހު ސަލްޓަން ޕާކް އާއްމުކޮށް ހުޅުވާފައިވަނީ ނޮވެމްބަރ 21 ވަނަ ދުވަހުއެވެ.
މީގެކުރިން ސަލްޓަން ޕާކު ހުޅުވާފައި ހުންނަނީ ކޮންމެ ރެއެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އާ ހަމައަށެވެ.
ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރުމަށްފަހު ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށް ކަނޑައެޅުމަށްފަހުއެވެ.
ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.