ވިޔަފާރި

ވީއައިއޭގެ އައު ސީޕްލޭން ޓާމިނަލްގެ ލައުންޖު އޭރިއާ ކުއްޔަށް ދޫކުރަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރި އައު ސީޕްލޭން ޓާމިނަލްގެ ލައުންޖު އޭރިއާތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ މި ލައުންޖުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެތަންތައް ސެޓްއަޕްކޮށް އޮޕަރޭޓު ކުރަން ޖެހޭނީ އެމްއޭސީއެލްއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. ސީޕްލޭން ޓާމިނަލްގެ ލައުންޖްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 1300 ގެ ކުރިން ބިޑްކުރުމުގައި ރަޖިސްޓަރ ކުރަންޖެހޭނެއެވެ.

ވީއައިއޭގެ ސީޕްލޭން ޓަރމިނަލްގެ ލައުންޖް އޭރިއާއަށް ކުރިމަތިލެވޭނީ ރަޖިސްޓަރ ކޮށްފައިވާ ސީޕްލޭން އޮޕަރޭޓަރުން، ޓުއަރ އޮޕަރޭޓަރުން، އަދި ރިސޯޓްތަކަށެވެ. ބިޑް ހުށައަޅާއިރު 10000 ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދޭންޖެހޭނެއެވެ. ބިޑް ކުރުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އެމްއޭސީއެލްއިން ކަނޑައަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ. ކަނޑައަޅާފައިވާ ތާރީހަށްވުރެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާ ސީ ޕްލޭން ޓަރމިނަލްގެ ޚިދުމަތް ފަށާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަރމިނަލް ތަރައްޤީކުރަނީ 28 އަކަމީޓަރުގެ ސަރަޙައްދެއްގައި، 4 ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.

އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނަމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ %50 އަށް އިތުރުކޮށް، 80 އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.