ވިޔަފާރި

ގެސްޓްހައުސްތައް ހުޅުވާލިފަހުން މާފުށްޓަށް 1137 ފަތުރުވެރިން


ކޯވިޑްއާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު މިހާތަނަށް މާފުށްޓަށް 1137 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް19ގެ ސަބަބުން ގެސްޓްހައުސް ސިނާއަތް ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީވެސް މާފުށީގެ ގެސްޓްހައުސްތަކެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ގެސްޓްހައުސް ސިނާއަތް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރާ މާފުށީގެ 14 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 1 ވަނަ ދުވަހުގެ ނިޔަލަށް މާފުއްޓަށް ޒިޔާރަތްކޮށްފައިވަނީ 1137 ފަތުރުވެރިންނެވެ. މާފުށްޓަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެސް ވެފައެވެ. އެގޮތުން މާފުށްޓަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 11 ފަތުރުވެރިންނެވެ. މީގެތެރެއިން މިހާތަނަށް 5 ފަތުރުވެރިއަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު މާފުށީގައި ތިބީ ކޯވިޑް19 އަށް ޕޮޒިވިޓްވެފައިވާ 6 ފަތުރުވެރިއެކެވެ.

ކ. މާފުށްޓަކީ ރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސްވެސް ހުންނަނީ މާފުށީގައެވެ. މާފުށީގައި މުޅި ޖުމްލަ 42 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މިވަގުތު މާފުށީގައި ފަތުރުވެރިންނަށް ޙިދުމަތް ދެމުންއަންނަ ބެޑް ކެޕޭސިޓީއަކީ 676 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މާފުށީ ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމަށް އަމިއްލަ ފަރާތްތަކުން އެރަށުގައި އަންނަނީ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންނެވެ. ކުރިއަށް އޮތްތަނުގައި ރަށު ފެންވަރުގައި ގެސްޓްހައުސް އެސޯސިއޭޝަންއެއް ހުޅުވައި، އެ އެސޯސިއޭޝަން މެދުވެރިކޮށް މާފުށީގެ ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާތައް ކުވެމެވުންދާކަމަށް މާފުށީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.