ކުޅިވަރު

ޔުނައިޓެޑު ބަލިކޮށް ޕީއެސްޖީން އުންމީދު އާކޮށްފި


ޔުއެފާ ޗެމްޕިއަންސް ލިގުގައި ރޭ ފްރާންސްގެ ފީއެސްޖީ އަތުން ބަލިވެ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ލިބުނު ފުރުސަތު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ ޕީއެސްޖީ އަތުން 3-1 ލަނޑުންނެވެ. މެޗުގައި ޕީއެސްޖީގެ ނޭމާ ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑު ޖެހީ ބްރެޒިލްގެ މަރުކުއިނީސްއެވެ. ނޭމާ ވަނީ ޗެމްޕިއަންސް ލީގުގައި 62 ލަނޑު ޖެހުމުގައި އެހީތެރިވެފައެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު 63 މެޗުގައި އޭނާ ވަނީ 38 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ސާޖިޔޯ އަގުއޭރޯއަށް ވުރެ ދެލަނޑު މަދުން ޖަހައިގެންނެވެ. ދެކުނު އެމެރިކާގެ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ނޭމާ އާއި އަގުއޭރޯއެވެ.

ޔުނައިޓެޑުން ލަނޑުޖެހީ މާކޯސް ރަޝްފާޑެވެ. މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުގެ ފްރެޑްއަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލުފައެވެ. މިއީ މުބާރާތުގެ ތަރީހުގައި ބްރެޒިލްގެ 49 ވަނަ ކުޅުންތެރިޔާއަށް ދެއްކި ރަތްކާޑެވެ. މިއީ މިސީޒަންގައި ޔުނައިޓެޑުގެ ދަނޑުގައި އެޓީމު ބަލިވި ހަތަރުވަނަ މެޗެވެ. ރޭގެ މެޗު އެއްވަރުކޮށްގެން ވެސް ޔުނައިޓެޑަށް މުބާރާތުގެ ދެވަނަ ބުރަށްދިޔުމުގެ ފުރުސަތު ލިބެން އޮތެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށްޓަކައި ޔުނައިޓެޑަށް ބޭނުންވަނީ ފަހު ދެމެޗުން ޕޮއިންޓެކެވެ.

ރޭ މިގުރޫޕްގައި ތުރިކީގެ ބަސަކްޝީރް އާއި ޖަރުމަނުގެ ލީޕްޒިގް ވާދަކުރި މެޗު އިތުރުވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު ލީޕްޒީގުން 4-3 ލަނޑުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ލީޕްޒގުން ވަނީ ހޯދާފައެވެ. މި ނަތީޖާއެކު ގުރޫޕްގައި ހިމެނޭ ތިންޓީމަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑާއި ޕީއެސްޖީ އަދި ލީޕްޒިގް ވެސް ފަސްމެޗުން ލިބުނީ 9 ޕޮއިންޓެކެވެ. ލަނޑުތަފާތުން ޔުނައިޓެޑު ކުރީގައި އޮތް އިރު ދެވަނައިގަ އޮތީ ޕީއެސްޖީއެވެ. ތިންވަނަ ލިބެނީ ލީޕްޒިގަށެވެ.

ޔުނައިޓެޑަށް ދެވަނަ ބުރަށް ދާން އޮތް ފުރުސަތަކީ އަންނަ ހަފްތާގައި ގުރޫޕްގެ ފަހު މެޗުގައި ޖަރުމަނު ލީޕްޒިގް އަތުން ބަލިނުވެ ފަރުޖެއްސުން ނުނީ ފަހު މެޗުގައި ޕީއެސްޖީ ބަލިވުމުންނެވެ.