ކޯވިޑް-19

ފްލެޓްތަކުގެ ކުލި ދެއްކުން ފަސްކުރުމަށް އެދުމުގެ މުހުލަތު އިތުރުކޮށްފި


ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ކުއްލިދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުހުލަތު އިތުރުކޮށްފިއެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެއާއި، ހުޅުމާލެއާއި، އަތޮޅުތަކުން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާރޗު މަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފައެވެ. ކޯވިޑް19އާ ގުޅިގެން ސަރުކާރުން ދެއްވި 6 މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު 31 އޯގަސްޓް 2020 އަށް ވަނީ ހަމަވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުންދާތީ، ސެޕްޓެމްބަރުމަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް 3 މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވުމަށްފަހު އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކުލި ދެއްކުން ފަސްކޮށްފައިވީނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އައި.ޑީ.ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައުސިންގ މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގަވާފައެވެ.