ވިޔަފާރި

ވެލާ ރިސޯޓްގެ މުވައްޒަފުންގެ ސާވިސް ޗާޖު - 25 ހާސް ރުފިޔާއަށްވުރެ އިތުރު


ނޮވެމްބަރމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށް 1684 ޑޮލަރު ބަހަން ނިންމައިފިއެވެ.

މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 25000 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް މިއަހަރު ވަނީ ދަށަށްގޮސްފައެވެ. ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ދައްވެ ގިނަ ރިސޯޓްތައް ވަނީ ބަންދުވެސްކޮށްފައެވެ. އެހެންކަމުން އެހެން އަހަރުތަކުގައި ސަރވިސް ޗާޖުގެ ގޮތުގައި ދޭ މިންވަރާއި އަޅާބަލާއިރު މިއަހަރު ސަރވިސް ޗާޖު ދަށެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ވެބްސައިޓްގައި ވަނީ މިދިޔަ މަހު ރާއްޖޭގެ ރިސޯޓްތަކުން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާ މިންވަރު ހިއްސާކޮށްފައެވެ. އެގޮތުން ވެލާ ޕްރައިވެޓް އައިލެންޑުން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 1684 ޑޮލަރެވެ. ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ އާންމުކޮށްވެސް މުވައްޒަފުންނަށް ބޮޑު އަދަދެއްގެ ސަރވިސް ޗާޖުދޭ ރިސޯޓެކެވެ.

މޯލްޑިވްސް ސަރވިސް ޗާޖު ވެބްސައިޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހުވެސް އެންމެ ބޮޑު އަދަދެއްގެ ސަރވިސް ޗާޖެއް ދީފައިވަނީ ވެލާއިންނެވެ. އެއީ 3000 ޑޮލަރެވެ. ފެބްރުއަރީ މަހު 1400 ޑޮލަރާއިއެކު 2 ވަނަ އަށް އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީވެސް އެ ރިސޯޓުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑްގެ އިތުރުން އިތުރު 2 ރިސޯޓަކުންވެސް ވަނީ ސަރވިސް ޗާޖުގެ ގޮތުގައި 1000 ޑޮލަރަށްވުރެ އިތުރަށް ދީފައެވެ. އޭގެތެރޭގައި ހިމެނެނީ 1334 ޑޮލަރު މުވައްޒަފުން ދިން ނޮޓިލަސް މޯލްޑިވްސްއާއި، 1114 ޑޮލަރު ދިން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ރިސޯޓްތައް އަލުން ހުޅުވައި ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް 133 ރިސޯޓެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ގިނަ ރިސޯޓްތަކެއްގެ އޮކިއުޕަންސީ ރޭޓް މިހާރު އަންނަނީ އިތުރުވަމުންނެވެ. ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް 70000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ މިހާތަނަށް 445،470 ފަތުރުވެރިންވަނީ ވަނީ ރާއްޖެ އައިސްފައެވެ.