ޚަބަރު

ރައީސް އޮފީހުން މިދިޔަ އަހަރު ޚަރަދުތައްކުރީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް: އޮޑިޓް ރިޕޯޓް


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2019 ވަނަ އަހަރު ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2019ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ މައިގަނޑުގޮތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 31 ޑިސެންބަރު 2019 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައްކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާޞިލްވާ ގޮތަށްކަމަށެވެ.

އަދި އެއޮފީހުން ޚަރަދުކޮށްފައި ވަނީ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް އޮޑިޓަރޖެނަރަލްގެ އޮފީހުންދެކޭކަމަށް މި އޮޑިޓްރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެނިހެން މާލީ ކަންކަން، މައިގަނޑު ގޮތެއްގައި، ހިންގައި ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތައްކަންވެސް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިދިޔަ މާލީ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާންތައް ހަދާފައި ވަނީވެސް "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑް (އިޕްސްސް): ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" އާއި އެއްގޮތަށް ކަމުގައިވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައި ވެއެވެ.

މާލީ ބަޔާންތަކުގައި ބަޔާންކޮށްފައިވާ ފައިސާ ލިބުނުގޮތާއި ފައިސާ ހޭދަކުރެވުނުގޮތުގެ ބަޔާނާއި، ފާސްކުރެވުނު ބަޖެޓާއި އެބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނުގެ އިތުރުން މާލީ ބަޔާންތަކާއި ގުޅޭ ނޯޓްތަކަކީ މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނު ފައިސާ އާއި އެފައިސާއިން ކުރެވުނު ޚަރަދާއި ނިމިގެން މިދިޔަ މާލީ އަހަރުގެ ނިޔަލަށް ބާކީ ހުރި ފައިސާ އަދި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތް ރަނގަޅުކަމަށް އޮޑިޓްރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.