އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބްރައިޓަން އިން މެޗު އެއްވަރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގައި ބްރައިޓަން އަށް ޕެނަލްޓީއެއް ލިބުނުއިރު އެކަމަކު ނީލް މައުޕޭ ޖެހި މި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މި ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ގޯލު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ. ވީޑިއޯ ރީޕްލޭއިން ފެންނަ ގޮތުގައި ބޯޅަ ލިބުނުއިރު ސަލާހް ހުރީ އޮފްސައިޑްވެފައެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޯގޯ ޖޯޓާއެވެ. މިއީ ހުރިހާ މުބާރާތެއް އެއްކޮށް ލިވަޕޫލަށް ކުޅުނު 14 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 9 ވަނަލަނޑެވެ. އަދި އެންމެފަހުން ކުޅުނު ލިވަޕޫލްއަށް ކުޅުނު 8 މެޗުގައި ކާމިޔާބުކުރި 8 ވަނަލަނޑު. ދެ ވަނަ ހާފުގެ ފަހުކޮޅު މާނޭ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. ލިވަޕޫލާ ދެކޮޅަށް ވީއޭއާރުގެ ދެ ނިންމުން ދިއުމަށް ފަހު މެޗުގެ އިތުރު ވަގުތުގައި ވީއޭއާރުގެ އެހީގައި ބްރައިޓަން އަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޮސްއެވެ. މެޗުގެ ފަހު 20 މިނިޓުގައި ލިވަޕޫލަށް ވަނީ ބްރައިޓަންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފަ ނުވާއިރު މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްއަށް އުފެއްދުނީ އެއްމެ ހަމަލާއެކެވެ.
މިނިތީޖާއެކު ލީގުގައި 10 މެޗުން ލިވަޕޫލްއަށް ލިބިފިވަނީ 21 ޕޮއިންޓެވެ. ލީގުގައި މިވަގުތު ލިވަޕޫލް އޮތީ އެއްވަނައިގައެވެ. ނަމަވެސް މިރޭ ޓޮޓްނަމް އާއި ޗެލްސީ ވާދަކުރާ މެޗުން ކުރި ލިބޭ ޓީމަކަށް ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.