ކުޅިވަރު

ފަހަތުން އަރައި މޮޅުވެ ބަޔާންއަށް ދެ ޕޮއިންޓުގެ ލީޑެއް


ޖަރުމަނު ލީގުގައި ބަޔާން މިއުނިކު މޮޅުވެ ލީގުގެ ކުރީގައި ދެޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބަޔާންމިއުނިކް ރަށުން ބޭރުގައި ރޭ މޮޅުވީ ސްޓުޓްގާޓް ލަނޑެއް ޖަހައިފަ ވަނިކޮށް ފަހަތުން އަރައި ތިންލަނޑު ކާމިޔާބުކޮށްގެން 3-1 ލަނޑުންނެވެ. މެޗުގައި ބަޔާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން، ޑަގްލަސް ކޯސްޓާގެ އިތުރުން ރޮބާޓް ލެވޮންޑެސްކީއެވެ. ސްޓުޓްގާޓްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓަންގައީ ކޮލިބަލީއެވެ.

ރޭގައި ލެވޮންޑެސްކީ ޖެހި ލަނޑާއެކު މިސީޒަންގައި ލީގުގައި ބަޔާން ކުޅުނު 8 މެޗުގައި އޭނާ ވަނީ 12 ލަނޑު ކާމިޔާބުކޮއްފައެވެ. ރޭގައި ލިގުގައި ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި ކުޅެ ކްލޯން އަތުން 2-1 ލަނޑުން ބަލިވެފައެވެ. މިމެޗުން ބަލިވުމާއެކު ޑޯޓްމަންޑް ވަނީ ލީގުގައި ކުރީގައިވާ ބަޔާންވުރެ ހަތަރު ޕޮއިންޓު ފަހަތުގައެވެ. ލީގު މެދު ކަނޑާލުމަށްފަހު އަލުން ފެށިއިރު އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު 10 މެޗުގެ ތެރެއިން ޑޯޓްމަންޑް ފަސް މެޗުން ބަލިވިއިރު މޮޅުވީ ފަސްމެޗުންނެވެ.

ޑޯޓްމަންޑް ބަލިވުމުގެ ފައިދާނަގައި ލީޕްޒިގުން ވަނީ ލީގުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. ލީޕްޒިގް ރޭ މޮޅުވީ އަރްމީނިޔާ ބެލަފެލްޑާ ވާދަކޮށް 2-1 ލަނޑުންނެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޔޫނިއަން ބާލިން އާއި އެންޓްރެޗް ފްރެންކްފާޓް ވާދަކުރި މެޗު 3-3 ލަނޑުން އެއްވަރުވި އިރު އޮގްސްބާގް އާއި ފްރެއިބާގް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ބޮރޫޝިޔާ މޮންޗެންގްލެބެކް ވަނީ 4-1 ލަނޑުން ޝާލްކޭގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ ޝާލްކޭ މޮޅެއް ނުލިބި ލީގުގައި ނިންމާލީ 25 ވަނަ މެޗެވެ.

މިނަތިޖާ ތަކާއެކު ލީގުގެ އެއްވަނައިގަ ބާޔާން އޮތީ 9 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ ލީޕްޒިގް އޮތީ 20 ޕޮއިންޓާއެކުއެވެ. ލީޕްޒިގަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެން ލީގުގެ ތިންވަނައިގަ ޑޯޓްމަންޑް އޮތްއިރު 8 މެޗުން ލެވަކޫސަން ހަތަރުވަނާއިގައި އޮތީ ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.