މެރިޓައިމް ސެކިއުރިޓީއާގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސްރިލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 
ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އެކަމަނާގެ  ދަތުރުފުޅަކީ ސްރިލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެން.އެސް.އޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައި ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 27 އިން 28 އަށެވެ. އަދި މިއީ ސްރިލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. 
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސްރިލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ. 
6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިއާއާއި ސްރިލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ. އަދި މި ބައްދަލުވުމުގެ އޮބްޒަރވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.