ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ތެރޭގައި އިނގިރޭސި ކްލަބު ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިން އާޖެންޓީނާ އަށް އުފަން މާސެލޯ ބިއެލްސާ ހިމެނިއްޖެއެވެ.
ބިއެލްސާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ލީޑްސް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. 16 އަހަރު ފަހުން އެޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމަށް ފަހު ބިއެލްސާގެ ކޯޗުކަމުގައި ލީޑްސް އިން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބިއެލްސާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަދި ފްރާންސްގެ ލިލް ގައި މަސައްކަތްކޮށްފައެވެ. އެންމެ ދިގު މުއްދަތެއްގައި ބިއެލްސާ އިރުޝާދުދިނީ އާޖެންޓީނާ އާއި މެކްސިކޯގެ ކްލަބްތަކުގައެވެ. މިހާރު އުމުރުން 65 އަހަރުގެ ބިއެލްސާ ކޯޗިން ކެރިއަރު ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ.
ބިއެލްސާއާ އެކު ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މި އެވޯޑް ބަޔާން މިއުނިކްގެ ހަންސީ ފްލިކް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް، ސެވިއްޔާ އަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން ހޫލެން ލޮޕެޓެގީ އަދި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންއެވެ.
ބަޔާން މިއުނިކުގެ ކޯޗު ފްލިކް ވަނީ މިދިޔަ ނޮވެންބަރުމަހު ކޯޗުގެ މަގާމާ ހަވާލުވެ މިދިޔަސީޒަނުގައި އެޓީމަށް ފަސްތަށި ކާމިޔާބުކޮށްދީފައެވެ. އޭގެތެރޭގައި ޖަރުމަނުގެ ހުރިހާ ތައްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށިވެސް އެޓީމަށް ފްލިކް ވަނީ ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލްގެ ޔާގެން ކުލޮޕް ވަނީ 30 އަހަރުފަހުން ލިވަޕޫލަށް މިދިޔަސީޒަންގައި އިނގިރޭސި ލީގުގެ ތަށިކާމިޔާބުކޮށްދީފައެވެ.
ލޮޕެޓެގީ ވަނީ ސެވިއްޔާ ގޮވައިގެން ނުކުމެ މިދިޔަސީޒަންގެ ޔުރަޕާ ލީގު އެކުލަބަށް ހޯދައިދީފައެވެ. ޒައިނުއްދީން ޒިދާން ވަނީ ދެވަނަފަހަރަށް ރެއާލް މެޑްރިޑުގެ ކޯޗުކާމާ ހަވާލުވެ ލަލީގާ ތަށި އެޓީމަށް ހޯދައިދީފައެވެ. ފީފާ "ދަ ބެސްޓް އެވޯޑް" އޮންނާނީ އަންނަމަހު 17 ވަނަދުވަހުއެވެ.