މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދަކީ 419 އެވެ. ނަމަވެސް އޮކްޓޯބަރ މަހުގެ ތެރޭގައި މިއަދަދު ވަނީ 684 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %63 ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރ މަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދު އުޅެނީ 304 ގައެވެ. ނަމަވެސް ފާއިތުވި އޮކްޓޯބަރ މަހުގެ ތެރޭގައި މި އަދަދު ވަނީ 507 އަށް އިތުރުވެފައެވެ. މިއީ %67 ކުރިއެރުމެއްކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު އޮކްޓޯބަރ މަހުގެ ތެރޭގައި ރާއްޖެ އައިމީހުންނާއި އަދި ރާއްޖެއިން ފުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރ މަހު ރާއްޖެއަށް އައި މީހުންގެ އަދަދު ވަނީ %89 އިތުރުވެފައެވެ. އެމަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 25،582 މީހުންނެވެ. ނަމަވެސް ސެޕްޓެމްބަރ މަހު ރާއްޖެއައީ 13،551 މީހުންނެވެ.
ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖެއިން ފުރާފައިވަނީ 13،866 މީހުންނެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރ މަހު މި އަދަދު ވަނީ 25،051 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %66 އިތުރުވުމެކެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އަދި ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރު ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.