ކުޅިވަރު

ފުވައްމުލަކު ދެކުނު ދާއިރާކަޕްގެ ޗެމްޕިއަންކަން މިސްކިތްމަގަށް


ފުވައްމުލަކު ދެކުނުދާއިރާކަޕްގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު ހޯދައިފިއެވެ. މިސްކިތްމަގު އެންމެންގެ ގުޅުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި ފުނާޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިސްކިތްމަގު މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.ސެމީފައިނަލް ފުރަތަމަ މެޗެކޭ އެއްގޮތަށް މިއަދުގެ ފައިނަލް މެޗުގައިވެސް ފުރަތަމަ ސެޓް ގެންދިޔައީ ފުނާޑުންނެވެ. އެއީ 25-22 ނެވެ. ޖެހިގެން އައި 3 ސެޓް މިސްކިތްމަގު ގެންދިޔައީ 21-25، 20-25، އަދި 16-25 ނެވެ. ފައިނަލް މެޗުގެ ކްއީން އޮފްދަ މެޗަކީ މިސްކިތްމަގުގެ ނޭޕާލް ކުޅުންތެރިތާ ކޮޕިއްލަ އަޕްރެތީއެވެ. މުބާރާތުގެ އެންމެ މޮޅު ސްޕައިކަރަކީވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފުނާޑްގެ ތިލިނީ ވަސަނާ ޕެރޭރާއެވެ. މުބާރާތުގެ އެންމެ މޮޅު ބްލޮކަރަކީވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ސާވަރއަކީ ހޯދަނޑު ސްޕައިކަރސްގެ އައިޝަތު ނާޒިމާއެވެ. އެންމެ މޮޅު ޑިފެންޑް ކުޅުންތެރިއަކީ ފުނާޑްގެ ފާޠިމަތު މުފީދާއެވެ. އެންމެ މޮޅު ލިބަރޯއަކީ މިސްކިތްމަގުގެ ޚަދީޖާ މުޙައްމަދެވެ. އެންމެ މޮޅު ސެޓަރަކީ މިސްކިތްމަގުގެ މަރިޔަމް އާގިސާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާދަޑު އޮމަލާސްގެ ފާތުމަތު ޖުމާ ޝަޖުމީއެވެ. ފެއަރޕްލޭ ޓީމަކީ ހޯދަޑެވެ.މިމުބާރާތް އަންނަ އަހަރުވެސް ބާއްވާނެކަން އެކުވެރި ފުނާޑުން ވަނީ އިއުލާންކޮށްފައެވެ. މުބާރާތުގައި ފުވައްމުލަކުގެ 7 އަވަށަކުން 7 ޓީމް ވާދަކުރިއެވެ.