ޚަބަރު

ދައުލަތުގެ ދަރަނި - ރައީސްގެ އަދަދުތައް ދިމާވޭ


ރާއްޖެ ދަރަނިވެރިވެފައިވާކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. މި ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ގިނަ ތަފްސީލްތަކެއް ދެއްވާފައި. އެގޮތުން ކުރީ ސަރުކާރު ނިމުނުއިރު ދަޢުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ދަރަނީގެ ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައިކަމަށެވެ. ނަމަވެސް އެ މަނިކުފާނު ވެރިކަމުގެ، 5 އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރާފައިވާކަމަށެވެ. މީގެ އިތުރުން މީގެ ކުރިން އެމްޑީޕީގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، 6.5 ބިލިއަން ރުފިޔާގައި އޮތް ދަޢުލަތުގެ ދަރަނީ 3 އަހަރު ވުމަށްފަހު ސަރުކާރު ވަކިވިއިރުގައި، 26 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް ދަރަނި ނެގުމަކީ ނުވަތަ މިހާރު އަރާފައިވާ ދަރަންޏަކީ އެމަނިކުފާނުގެ ސަރުކާރުން ކުރި ކަމެއްނޫކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންއައިސް ރާއްޖޭގެ އިޤްތިޞާދު ދަށަށްދާންފެށުމުން އަދުގެ ސަރުކާރަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކައް ރައްދުދެއްވައި ދަރަންޏާއި ގުޅޭގޮތުން ރައީސް ހޯރަފުށީގައި ދެއްކެވި ވާހަކަފުޅުވެގެންދިޔައީ އިދިކޮޅު ފަރާތްތަކާއި އަދި ސަރުކާރަށް ފާޑުކިޔާ ބައެއް ބޭފުޅުންނަށް އެހާ ބަލައިގަނެވުނު ވާހަކަތަކެއްގެ ގޮތުގައެއްނޫންނެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ހުރި ދަރަންޏާއި ގުޅޭގޮތުން ފާޅުކުރެއްވި ޢަދަދާއި ގުޅިގެން އިދިކޮޅުންވަނީ ރައީސަށް ޖޯކުޖަހައި ކުރިން ރައީސް ހާމަކުރެއްވި ދަރަނީގެ ޢަދަދުތަކާއި ފަހުން ހާމަކުރި ޢަދަދު ދިމާނުވާކަމަށްބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކަށްބަލާއިރު ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ ހަޤީގަތް މިވަނީ ހާމަވެފައެވެ. އެގޮތުން 2018ވަނަ އަހަރު ރައީސް ޔާމީން ވެރިކަން ނިމުނުއިރު އެމަނިކުފާނުގެ ސަރުކާރުގައި ސޮވްރިން ގެރެންޓީ ދީފައި ހުރި ލޯނުުތައް ދައުލަތުގެ ދަރަނީގެ ގޮތުގައި ބެލެވިފައިވުމަކީ ރައީސް ޞާލިޙްގެ ޢަދަދުތައް ދިމާވާ ގޮތެކެވެ. އޭގެ ތެރޭގައި އޭރު ބައެއް ވިޔަފާރިވެރިންނަށް ދިން ސޮވްރިން ގެރެންޓީއާ، އެޗްޑީސީފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބޮޑެތި ލޯނުނެގުމަށް ދިން ގެރެންޓީތައް ހިމެނެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސޮވެރިން ގެރެންޓީތައް ހިމަނައިގެން ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރި ނިސްބަތް 60.3 ބިލިއަން ރުފިޔާއަށް އަރައެވެ.

"ދަރަނި ބޮޑު. ރާއްޖޭގެ ދަރަނި ބޮޑު. މި ވާހަކަވެސް ރަނގަޅަށް ސާފުކޮށް އެބަ އެނގިވަޑައިގަންނަވަންޖެހޭ. ރައީސް ޔާމީނުގެ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާ. އެހެންނަމަވެސް، އެ މަނިކުފާނު ފައިބާވަޑައިގެންނެވިއިރުގައި، 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނިއަރައިފި، 5 އަހަރުގެ ތެރޭގައި. އަޅުގަނޑުމެން އަދި މިހާތަނަށް 15 ބިލިއަން ރުފިޔާ އަދި ދަރަނީގެ ގޮތުގައި މި ނެގީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނި އެމަނިކުފާނުގެ ސަރުކާރަށް ދަރަނީގެ ގޮތުގައި ނެގުނީ މިހާތަނަށް 15 ބިލިއަން ރުފިޔާކަމަށެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުން މިހާރު ދައުލަތުގެ ދަރަނީގެ އަދަދު ވަނީ ގާތްގަނޑަކަށް 74 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމނިކުފާނުގެ ސަރުކާރާއި ހަމައަށް ވާރުތަވީއިރު ދަޢުލަތުގެ ރިޒަރވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށެވެ. ކޯވިޑް-19ގެ މި ދަތި ހާލަތުގައިވެސް ދަޢުލަތުގެ ރިޒަރވްގައި 250 މިލިއަން ޑޮލަރުހުރިކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، ރަސްމީ ރިޒާވަކީ ރާއްޖޭގައި ހިންގާ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރު ލައިގެން މުޅި ސެކްޓާގައި ހުންނަ ޑޮލަރުގެ އަދަދެވެ. ޔޫސެބަލް ރިޒާވަކީ އެ ވަގުތަކު ބޭނުންކުރެވޭ ގޮތަށް މަރުކަޒީ ބޭންކުގައި ހުންނަ ޑޮލަރުގެ އަދަދެވެ. އެހެންކަމުން އެމަނިކުފާނު ހޯރަފުށީގައި ވިދާޅުވީ ޔޫސަބަލް ރިޒާވްގެ ޢަދަދެވެ.

2018ވަނަ އަހަރު ނިމުނު އިރު ދަޢުލަތުގެ ރަސްމީ ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ނަމަވެސް ޔޫސަބަލް ރިޒަރވްގެ ގޮތުގައިހުރީ 281 މިލިއަން ޑޮލަރެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް 753.3 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، ޔޫޒަބަލް ރިޒާވް ވަނީ 315.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެހެންކަމުން މިދިޔަ 2019ވަނަ އަަހަރުވެފައިވަނީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް އިތުރުކުރެވުނު އަހަރަށެވެ.

ދައުލަތުގެ ދަރަންޏާއި ރިޒަރވްގެ ވާހަކަ ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިހުރި 85 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީނުކުރެވި ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިދަތި ހާލުގައިވެސް ސަރުކާރުން އެންމެ އިސްކަންދެނީ ރައްޔިތުންނަށް ބޭނުންވާ މުހިއްމުކަންކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށްވާއިރު، އިޤްތިސަދުކޮޅަށްޖަހައި މާލީދާއިރާ ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ފައިނޭންޝަލް ޓީމަށް، ފުރިހަމައަށް އިތުބާރު އެބައޮތްކަމުގައި ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ހަރުމުދާ ނުވިއްކައި، މި ޤައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގައި މަގުން ކައްސައެއްނުލާނެކަމުގެ ފުރިހަމަޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.