ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ ޚިލާފަށް ބައެއް ޓެކްސީތަކުން ޚިދުމަތްދޭކަން ފާހަގަކުރެވިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.
އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާސް އިންސްޕެކްޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފެރީތަކާއި ބަސްފަދަ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްދޭ ތަންތަނާއި، ޓެކްސީތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ޓެކްސީތައް އިންސްޕެކްޓް ކުރުމުގެ ތެރެއިން، ކަނޑައަޅާފައިވާ ގައިޑްލައިނާއި ޚިލާފަށް ބައެއް ފަރާތްތަކުން ޚިދުމަތްދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ޓެކްސީތަކުގެ ގައިޑްލައިންގައި ޕަސިންޖަރ ސީޓާއި، ޑްރައިވަރުގެ ސީޓާ ދެމެދު ޕާޓިޝަނެއްޖަހާ ވަކިކޮށްފައި ހުންނަންވާނެކަމަށް ބުނެފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްވެސް ޕާޓިޝަނެއް ޖެހުމެއްނެތި ޓެކްސީގެ ޚިދުމަތްދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިން ޕާޓިޝަން ޖަހާފައިހުރި ބައެއް ޓެކްސީތަކުންވެސް ޕާޓިޝަން ނައްޓާލައިގެން ޚިދުމަތްދެމުންދާކަމަށެވެ. އެގޮތަށް ޢަމަލުކުރަނީ މިހާރު މާލޭ ސަރަޙައްދުން ފެންނަ ކޭސްތަކުގެ ޢަދަދު މަދުވެފައިވާތީކަމަށް ބައެއް ޑްރައިވަރުން ބުނެފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ކޭސްތައް މަދުވުމަކީ ހެދިފައިވާ ގައިޑްލައިންތަކާ ޚިލާފަށް ޚިދުމަތްދޭންވީ ސަބަބެއް ނޫންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އިންސްޕެކްޓް ކުރި ފަރާތްތަކުން ޓެކްސީ ދުއްވި ފަރާތާއި ވާހަކަދެއްކިއިރު ބައެއް ބޭފުޅުން ބުނެފައި އެބަހުރި މާލޭގައި ކޭސްތައް މަދެއްނޫންހޭ، އެހެންވީމަ ގައިޑްލައިންތަކަކާ އެއްގޮތަކަށް ޢަމަލުކުރާކަށް ނުޖެހޭނެއޭ. އެކަމަކުވެސް އަޅުގަނޑުމެން ފާހަގަކޮށްލަން ގައިޑްލައިންތަކަކަށް ބަދަލެއް ނާދޭ. ގައިޑްލައިންގައި ހުންނަ ކަންތައްތަކަކީ ބަލި އިތުރުވުން ނޫނީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ހުންނަ ކަންތައްތައް. އެހެންވީމަ މިގޮތަށް ޢަމަލުކުރެވިއްޖެއްޔާ އިތުރަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކުރެވޭނީ. ބަލި މަދުވިއްޔޭ ކިޔާފަ ގައިޑްލައިންގައި ހުރި ކަންތައްތަކަށް ސަމާލުކަން ނުދެވިއްޖެއްޔާ އަނެއްކާވެސް ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ޕާޓިޝަން ނެތުމުގެ އިތުރުން ބައެއް ޑްރައިވަރުންގެ ފަރާތުން ޓެކްސީގެ ކުރީ ސީޓަށް ފަސިންޖަރުން އެރުވުމާއި، ފަހަތު ސީޓުގެ ކުޑަދޮރު ނުހުޅުވާ ދުއްވުންފަދަ ޢަމަލުތައް ފެންނަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި މިއީވެސް ޓެކްސީގެ ޚިދުމަތްދިނުމާގުޅޭގޮތުން އެކުލަވާލާފައިވާ ގައިޑްލައިނާއި ޚިލާފުކަމެއްކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ޑރ. ނަޒްލާ ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.