މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދައްލުވުމުގައި ކުޑަކުދިން ޚާއްސަ މެސެޖުތަކެއް ދީފިއެވެ.
އުމުރުން 6އަހަރާއި 17 އަހަރާއި ދެމެދުގެ ޖުމުލަ 8 ކުދިންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ނޫސްކޮންފަރެންސްވެސް ބާއްވާފައި ވަނީ އާދައިގެމަތިން އެޗްއީއޯސީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދާ ގޮތަށް ކޯވިޑް-19ގެ މައުލޫމާތާއި ތަފާސް ހިސާބުތައް ހިއްސާކުރުމާއިއެކު ސުވާލާއި ޖަވާބުގެ ބައިވެސް ހިމަނައިގެންނެވެ.
ސްޕޯކްސް ޕާސަންއެއްގެ ގޮތުން މި ޕްރެސްކޮންފަރެންސް ލީޑްކުރީ އުމުރުން 9 އަހަރުގެ ޔޫސުފް ރިހާން ތަޢުފީޤުއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގއާއި އެޓޯލް ޕްރިޕެއަޑްނަސްގެ ފަރާތުންވެސް ކުޑަކުދިންނާއި ގުޅޭ މައުލޫމާތު މި ޕްރެސް ކޮންފަރެންސްގައި ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ސައިން ލޭންގްއޭޖް އިންޓަރޕްރިޓޭޓް ކުރުމާއިއެކު ނޫސްވެރިންގެ ގޮތުގައިވެސް ވަރަށް ތުއްތުކުދިން ސުވާލުކުރިއެވެ.
އެގޮތުން މާސްކު އެޅުމުގެ މުހިއްމުކަމާއި މިދުވަސްވަރަކީ ބޮޑު ޗުއްޓީގެ ދުވަސްވަރުކަމުގައިވުމުން ރަށްރަށަށްގޮސް ހޯމް ކަރަންޓީންގައި ތިބޭއިރު ސަމާލުވާންޖެހޭ ކަންކަމާއި ގުޅޭގޮތުން މި ޕްރެސްގައި ކުރެވުނު ސުވާލުތަކަށް އެކުދިން ޖަވާބުދީ މަޢުލޫމާތުދިނެވެ.
"މާސްކް އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނުފޮރުވޭނަމަ މާސްކް އެޅުމުގެ ފައިދާއެއްވެސް ނެތް. މާސްކް އަޅާފައިހުންނައިރު މާސްކްގައި ވީހާވެސް އަތްނުލެވޭތޯ ބަލަންވާނެ. މާސްކު އެޅުމުގެ ކުރިންނާއި މާސްކު ނެގުމަށްފަހު ރީއްޗަށް 20ސިކުންތުވަންދެން އަތްދޮވެލަންވާނެ" ތުއްތު ސްޕޯކްޕަރސަން ޔޫސުފް ރިހާން ތަޢުފީޤް ބުންޏެވެ.
ކުޑަކުދިންގެ މި ޕްރެސްކޮންފަރެންސް ނިންމާލާފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަންތައްތަކެއް ހިއްސާކުރަމުންނެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސް ކޮންފަރެންސެއް ކުޑަކުދިން ބައިވެރިކޮށްގެން ކުރިޔަށް ގެންގޮސްފައި ވާއިރު، ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗުމަހުން ފެށިގެން ރާއްޖޭގެ ކުޑަކުދިން ގިނަ ދުވަސްތަކެއްވަންދެން ތިބީ ގެތަކުގައެވެ. ސްކޫލްތަކާއި ޕާކުތަކާއި އެނޫންވެސް ކުޑަކުދިންނާއި ގުޅުންހުރި ތަންތަން ބަންދުކޮށްފައި ހުރުމަށްފަހު މިޙާރުވަނީ އެތަންތަން ހުޅުވައި ބައެއް ޚިދުމަތްތައް ފަށާފައެވެ.