ޚަބަރު

"އަންނަ އަހަރުގެ ބަޖެޓުން އެންމެބޮޑު އިސްކަމެއްދޭންވީ ކާބޯތަކެތީގެ ޚަރަދާއި ވަޒީފާގެ ޚަރަދު ކަށަވަރުކުރުމަށް"


ކޯވިޑް-19އާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުވުމާއެކު އަންނަ އަހަރު ޚަރަދު ކުރުމުގައި އެންމެބޮޑު އިސްކަމެއް ދޭންވީ ކާބޯތަކެތީގެ ޚަރަދުތަކައި ވަޒީފާތަކުގެ ޚަރަދު ހަމަޖެއްސުމަށް ކަމުގައި އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އެމްއެމްއޭގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި، އެނޫންވެސް އެހެން ބައެއްކަންކަން މަޑު ޖައްސާލުމަށް ގަވަރުނަރު ވަނީ ލަފާ ދެއްވާފައެވެ.

ގަވަރުނަރު ވިދާޅުވީ މަޝްރޫޢުތައް ހިންގަވާނަމަ އެންމެބޮޑަށް ޔަގީން ކުރަންޖެހޭނީ އަންނަ ޕްރޮޖެކްޓަކަށް ބޭނުންވާ ފައިސާ ޚައްސަކޮށް ބޭރުގެ އެކި ޤައުމުތަކުންނާއި އިދާރާތަކުން ދޭން އެއްބަސްވެފައިވާ ފައިސާގެ ޔަގީންކަން ކަށަވަރުކުރުން ކަމަށެވެ. ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ބޭރު ފައިސާގެ ކޮންޕޯނެންޓް ވަރަށްބޮޑުކަމަށާ، އެކަމަށް ވިސްނަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ރޭވިފައިވަނީ ލޯނާއި ދައުލަތުގެ އާންމު ބަޖެޓުންނެވެ. ނަމަވެސް ދައުލަތަށް ލިބޭ ހިލޭއެހީއާއި އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް އަންދާޒާ ކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދު ހިންގޭނީ އެކަމަށްބޭނުންވާ ފައިނޭންސިން ކަށަވަރުކުރެވިގެންކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ޕީއެސްއައިޕީ ފަދަ ކެޕިޓަލް ޚަރަދުތައް ހިންގުމަށް ދައުލަތުގެ އާންމު ބަޖެޓުގައި ހިމެނިފައިވާ މިންވަރުގެ ފައިނޭންސިން ހޯދުމަކީ ދަތިވާނެ ކަމެއްކަމަށް ލަފާކުރެވޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ބޭރު ފައިސާގެ ސަޕްލައިވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން 2021ވަނަ އަހަރު ގިނަ ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަކީ ދިގުރާސްތާގެ އިޤްތިޞާދާއި އަދި އިޖްތިމާޢީ ކުރިއެރުމަށާއި، ތިމާވެށިގެ ރައްކާތެރިކަމަށް މަގުފަހިވާ މަޝރޫޢުތަކެއްކަން ކަށަވަރުކުރުމަކީ ވަރަށްމުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގަވރުނަރު ޢަލީ ޙާޝިމް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއަކީ ދައުލަތުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަޑިއަރާފައިވާ ގޮތަށް ބަލާ، އަންނަ އަހަރު މަޝްރޫޢުތައް ނުހިންގި ދައުލަތުގެ ދަރަނި ވަރަށްބޮޑަށް އިތުރުވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.