ވިޔަފާރި

މަސްވެރިޔާ ކާޑަށް މަސްވެރިންގެ ތަރުހީބު ބޮޑު: މިފްކޯ


މަސްވެރިޔާ ކާޑަށް މަސްވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ލޮކްޑައުންގެ ތެރޭގައި މަސްވެރިންނާއި ހަމައަށް ފައިސާ ގެންދިއުމުގައި ދަތިތަކެއް ދިމާވިކަމަށެވެ. ނަމަވެސް މިހާރު މަސްވެރިންނަށް ފައިސާ ޖަމާކުރަނީ މަސްވެރިޔާ ކާޑުތައް މެދުވެރިކޮށްކަމުން އެކަމަށް ހައްލެއް ލިބިފައިވާކަމަށެވެ. އަދި މަސްވެރިޔާ ކާޑަށް މަސްވެރިންގެ ކިބައިން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަކަމަށާއި، މިގޮތައް ކާޑުތަކަށް ފައިސާ ޖަމާކުރުމަކީ އެންމެ ރައްކާތެރިގޮތްތަކަމަށް ފައުޒީ ވިދާޅުވިއެވެ.

"ލޮކްޑައުންގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގޮންޖެހުން ދިމާވި ޙާއްސަކޮށް ފައިސާ މަސްވެރިންނަށް ގެންދިއުމުގައި. އަޅުގަނޑުމެން އެއަށް ހައްލެއް ހޯދައިފިން މިހާރު. އަޅުގަނޑުމެން މަސްވެރިންގެ ފައިސާ މަސްވެރިންގެ އެކައުންޓަތަކަށް ޖަމާކުރަނީ. މިދިޔަ އަހަރުވެސް ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ މަސްވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ކޭސްކޮށް ކެރީކުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ހުއްޓާލާލައިިފިން. މަސްވެރިޔާ ކާޑު ޑިޖިޓަލް ވޮލެޓަށް އަޅުގަނޑުމެންނަށް ވަރަށް ތަރުހީބު އެބަލިބޭ. މިހާރު ފެންނަ ޖީލުގެ މަސްވެރިން އެކަމަށް އަހުލުވެރިވެ އެކަމަށް އަޅުގަނޑުމެންނަށް އެހީތެރިވެދީ އެކަން މިހާރު އަޅުގަނޑުމެންނަށް ބާރަށް އެބަ ކުރިއަށްގެންދެވޭ." ފައުޒީ ވިދާޅުވިއެވެ.

ބާކީހުރި ދޯނިފަހަރުވެސް މަސްވެރިޔާ ކާޑުން ފައިސާ ޖަމާކުރުން އެދޭކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ހުރިހާ މަސްދޯނިފަހަރަކުންވެސް މި ކާޑު ބޭނުންކުރަން ފަށާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ނަމަށް ބަދަލުގެ މިހިންގުނު 27 އަހަރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން ދިޔައީ އަތުން ލިޔެގެންކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ، މިހާރު އޮންލައިން ޕްލެޓްފޯމްއެއްގެ ތެރެއިން މަސް ބިލް ހެދުމުގެ މަސައްކަތްވެސް ކުރަމުންއަންނަކަމަށެވެ. މިކަމަށް ޙާއްސަ އެޕްލިކޭޝަނެއް މިހާރު ތައްޔާރުކުރަމުން އަންނަކަމަށާއި ޑިސެމްބަރުމަހުގެ ތެރޭގައި އެޕްލިކޭޝަން ޓެސްޓްކުރަން ފަށާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މި އެޕްލިކޭޝަންއާއިއެކު އޮޑިވެރިޔާ ކޮންމެ ތަނެއްގައި ހުރިނަމަވެސް ބޯޓަކަށް އަދި ކޮންމެ ސެންޓަރަކަށް މަސް ކިރުވިޔަސް ނޮޓިފިކޭޝަން އަންނާނެކަމަށެވެ. މީގެއިތުރުން މަސްކިރުވާފަ ހުރި މައުލޫމާތުތައް ބަލާލުމުގެ އިތުރުން އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ބޭނުންވާ މައުލޫމާތުވެސް ފޯރުކޮށްދޭނެކަމަށެވެ.