ވިޔަފާރި

އެސްއެމްއީތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ މަސައްކަތުގައި އަމަލީ ސިފަ ޖެހުނީ މި ވެރިކަމުގައި


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ މަސައްކަތުގައި އަމަލީ ސިފަ ޖައްސައިދިނީ މި ސަރުކާރުންކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާދު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް އިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް އިޤްތިޞާދުގެ ލޭނާރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެސްއެމްއީތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ވާހަކަ ކޮންމެ ސަރުކާރުންވެސް ދައްކަމުންދިޔަކަމަށާއި ނަމަވެސް މިކަމަށް އަމަލީ ސިފައެއް ގެނައީ މި ސަރުކާރަށްކަމަށެވެ.

"ސަރުކާރުގެ ޕްރޮކިއުމަންޓް އުސޫލްތައް އަޅުގަނޑުމެން ބަދަލުކޮށްފިން. ސަރުކަރުގެ 2.5 މިލިއަން ރުފިޔާއިން ދަށުގެ ހުރިހައި ޕްރޮޖެކްޓެއްގެ ޓެންޑަރގައި ބައިވެރިވެވޭނީވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމަށް. އޭގެއިތުރުން އަޅުގަނޑުމެންނަށް އަބަދުވެސް ފެނިގެންދިޔައީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަހަމްނިއްޔަތުކަމެއް އެއްވެސް ސަރުކާރަކުން ދީފައެއް ނެތް. އަބަދުވެސް ވާހަކަދެކެވޭ. އެކަމަކު އަޅުގަނޑުމެން އޭތި ޕްރެކްޓިކަލީ މިކުރީ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

އެސްއެމްއީތަކަށް އަމާޒުކޮށްގެން މި ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ އެސްއެމްއީ ބޭންކެއް އުފެއްދެވުމެވެ. ކުދީ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ގެޓްސެޓް ޕްރޮގުރާމަކާއި ލޯނު ޕްރޮގުރާމެއް ހިންގެވިކަމަށެވެ. ނަމަވެސް އެއީ އަހަރެއްގެ މައްޗަށް އެ 2 ޕްރޮގުރާމް އެއްކޮށްލުމުން 100 މިލިއަނެއްހާ ރުފިޔާގެ ޕްރޮގުރާމެކެވެ. މި ސަރުކާރުން އުފެއްދެވި އެސްއެމްއީ ބޭންކުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ ލޫނު އެސްއެމްއީތަކަށް ދޫކޮށްފައިވާކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

"އެސްއެމްއީ ބޭންކުގައި އެހެރަ ލޯނު ދީފަ ހުރި މީހުންގެ ލޯނުގެ އެޕްލިކޭޝަންތައް ރާއްޖޭގައި ހިންގާ އެހެން ބޭންކުގެ ދޮރުންވެސް ނުވަންނާނެ އެޕްލިކޭޝަންވެސް. އެވަރަށް ލުއިކޮށްފައި ވަކި ގައިޑްލައިންއެއްގެ ތެރެއިން އަޅުގަނޑުމެން މިކަނޑައަޅަނީ ސިޔާސަތުތައް. އެ އުސޫލުތަކާއި އެއްގޮތަށް އެސްއެމްއީ ބޭންކުން ހަމަ ނޯމަލް ބޭންކެކޭ އެއްގޮތައް އަމަލުކުރަމުން މިދަނީ. ގާތްގަނޑަކަށް މިއަދާއި ހިސާބަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް އެސްއެމްއީ ތަކަށް ލޯނު ދެވިއްޖެ. އެހެންވީމަ އެއީ ވަރަށް ބޮޑު އަދަދެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެސްއެމްއީތަކަށް އެންމެ އެދެވޭ ގޮތުގައި ގައިޑެންސް ދިނުމުގެ މަސައްކަތްވެސް ފެށިފައިވަނީ މި ސަރުކާރުގައިކަމަށެވެ. މި ސަރުކާރުގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް އަތޮޅުތެރޭގެ ވިޔަފާރިތަކަށްވެސް މިހާރު ވިޔަފާރިތައް ހިންގާނެ ގޮތުގެ މައުލޫމާތު ދެމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުރިހާ ސަރުކާރަކުންވެސް ދޭތެރެ ދޭތެރެއިން ގައިޑެންސް ޕްރޮގުރާމްތައް ގެންދޭ. އަޅުގަނޑުމެން ސަސްޓެއިނަބަލް ގޮތެއްގައި އަބަދުވެސް އެކަން ކުރެވޭ ގޮތައް އެކަން މި މެނޭޖްކުރަނީ. އަޅުގަނޑުމެންގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކެއްގައި މިހާރު ސެންޓަރުތަކެއް ހުޅުވިފައި ހުންނާނީ. އެރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމާއި ވިޔަފާރިކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އެޑްވައިޒްދިނުމާއި، ކަންކަން އޮންނަގޮތް ކިޔާދިނުން ކުރިއަށްދާނެ."

އެސްއެމްއީތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަހުފީ އުވާލައި ރަޖިސްޓްރޭޝަން ޕްރޮސެސްއަށް ފަސޭހަ ގޮތްތައް ވަނީ ގެނެސްދީފައެވެ. ކުރިއަށްއޮތް ދުވަސްތަކުގައިވެސް ވަރަށް މުހިއްމު ޤާނޫނުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ބެންކްރަޕްސީ އިންސޯލްވެންސީ ގާނޫނާއި، މަސައްކަތްތެރިންގެ އޮކިއުޕޭޝަނަލް ހެލްތް ސޭފްޓީ ޤާނޫނު ހިމެނެއެވެ.