ހަ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މީގެތެރޭގައި ހިމެނެނީ ރ.ދުވާފަރާއި، ހއ.އިހަވަންދޫ އާއި، އއ.އުކުޅަހުގެ އިތުރުން ތ.ހިރިލަންދޫ، ގއ.ދާންދޫ އާއި މ.ދިއްގަރެވެ.
ރ.ދުވާފަރުން 22.2 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަވާލުކޮށްފައެވެ. 143 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 445 ދުވަހުންނެވެ. ގއ.ދާންދޫގައި ހިންގުމަށް ގަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫޢުގައި އެރަށުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 186މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް 350ދުވަސްތެރޭ ނިންމާނެއެވެ.
ދެން ހިމެނޭ 4 ރަށުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ބިން ހިއްކުމާއި، ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތާއިވެސް އެކުގައެވެ.
ހއ.އިހަވަންދޫން 25ހެކްޓަރުގެ ބިން ހިއްކާނެއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުންވެސް ހިމެނޭގެން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އެއް އަހަރު ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ 123 މިލިއަން ރުފިޔާއަށެވެ.
އއ.އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްޜޫއުގެ ތެެރެއިން އެރަށު ފަޅުން 10 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. 71 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 235 ދުވަހުގެތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ތ.ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގައި އެރަށުން 20 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަސައްކަތް 105 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 285 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަސައްކަތުގައި ދެން ހިމެނެނީ މ.ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދިއްގަރު ފަޅުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ. 121މިލިއަން ރުފިޔާގެ މަސައްކަތް 450 ދުވަސްތެރޭ ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތަކީ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކެވެ.
6 ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.