ވިޔަފާރި

އީއީޒެޑްގައި ދިވެހިން މަސްވެރިކަން ކުރާނެގޮތެއް ހޯދަން މިދަނީ މަސައްކަތްކުރަމުން- އިކޮނޮމިކް މިނިސްޓަރ


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ގައި ދިވެހިން މަސްވެރިކަން ކުރާނެގޮތެއް ހޯދަން މަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އީއީޒެޑްގައި ދިވެހިން މަސްވެރިކަން ކުރާނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުންދަނީ ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެންކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރު ބަލަމުންދަނީ ދިވެހިން ގިނަދުވަހު މަސްވެރިކަމަށް ނިކުމެ އީއީޑެޒްގައި އުޅޭނެކަހަލަ ބޯޓު ހުރިތޯކަމަށެވެ. މި މަސައްކަތް ފެށިއްޖެނަމަ މަސްވެރިންނަށާއި އަދި ސަރުކާރަށްވެސް އޭގެ މަންފާ ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިބަލަނީ ދިވެހިން ގިނަދުވަހު މަސްވެރިކަމަށް ނިކުމެ އީއީޑެޒްގައި އުޅޭނެކަހަލަ ބޯޓު ހުރިތޯ. ޙާއްސަކޮށް އަޅުގަނޑުމެން މިބަލަނީ ޖަޕާނަށް. އެފަދަ ބޯޓުތައް ގެނެސްގެން އަޅުގަނޑުމެން މިވިސްނަނީ ޓްރައަލްއަކަށް. ދިވެހި މަސްވރިންނެއް 1 މަސްދުވަހަކަށް މާލެއިން ބޭރަކަށް ނުދޭ މުސާރައަކަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިހާރުވެސް މަސްވެރިކަން މިކުރާ ސްޓައިލްއަށް. މިސާލަކަށް މިފްކޯއިން އެބޯޓު ގެނެސްފައި މިފްކޯއަކީ އޮޑިވެރިޔާ. ފަޅުވެރިޔާއަށް މިހާރުވެސް މަސްބައި ބަހާހެން ހަމަ ބަހާގޮތައް. އެއިރުން އަޅުގަނޑަށް ހީވަނީ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް އެބޭފުޅުންނަށް (ފަޅުވެރިންނަށް) ލިބިފައި. އޭގެ މަންފާ އަޅުގަނޑުމެންނަށްވެސް ލިބޭނެހެން." އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ކޯވިޑް19 އާއިއެކު ރާއްޖޭގެ އިޤްތިސާދު ހަމައެކަނި އެއް ސިނާއަތަކަށް ބަރޯސާވެފައި އޮންނަ އޮތުން ނައްތާލުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ ޙާއްސަ އިސްކަމެއްދީފައެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެސްއެމްއީ ބޭންކު މެދުވެރިކޮށް މިޒަމާނަށް ފެތޭ މަސްއޮޑިއެއް ޑިޒައިންކުރުމަށްވެސް ވަރަށް އަވަހަށް އިއުލާންކުރާނެކަމަށެވެ. މި މަސްއޮޑިތައް ޑިޒައިން ކުރާއިރު އެންމެ ޒަމާނީ މަސް އުޅަނދުތަކުގައި ހިމެނޭ ނިޒާމުތައް ޤާއިމްވެފައި ހުންނާނެކަމަށާއި މި ބޯޓުތައް މަސްވެރިންނަށް ލިބޭގޮތައް ތައްޔާރުކުރާނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.