ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫޢު ހިމެނޭހެން 4 ދާއިރާއަކުން އެހީތެރިކަން ދިނުމުގެެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާއިދެމެދު ސޮއިކޮށްފިއެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމާއިގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރސް ޢަބްދުﷲ ޝާހިދުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިނގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ވިދާޅުވެފައެވެ. މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ މަޝްރޫޢުގައި 6.7 ކިލޯމިޓަރުގެ ބުރިޖެއް ކޯޒްވޭތަކާއިއެކު ހެދުމަށްވަނީ ހަމަޖެހިފައެވެ.
"ބްރިޖް މަޝްރޫޢުވެގެންދާނީ ފްލޭގްޝިޕް މަޝްރޫޢުއަކަށް. 100 މިލިއަން ޑޮލަރަކީ އިންޑިއާއިންދޭ ހިލޭ އެހީ. 400 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓްގެދަށުން ދިނުމަށްވަނީ ހަމަޖެހިފައި. މި ފައިސާ އަދާކުރުމަށް 5 އަހަރުގެ ގްރޭސް ޕީރިއެޑެއް ލިބޭ. ލޯނު އަދާކުރަންޖެހެނީ 20އަހަރުން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެތެރޭގައި ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމާއިގުޅޭގޮތުން ސޮއިކުރި "އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް" އެއްބަސްވުމާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެއްބަސްވުން ހިމެނެއެވެ.
މި 2 މަޝްރޫޢަކީ ހދ.ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެއްބަސްވުމުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1.7 މިލިއަން ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑިޓޮކްސްސިފިކޭޝަން ސެންޓަރުގެ މަސައްކަތަށް 7.9 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މިމަޝްރޫޢުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެވެ.