ވިޔަފާރި

އަންނަ އަހަރުގެ ބަޖެޓުން އެސްޑީއެފްސީއަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ


އަންނަ އަހަރުގެ ބަޖެޓުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އިޤްތިސާދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރ، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ހަރަކާތްތެރި ޕްރައިވެޓް ސެކްޓަރ އެއް އުފެއްދުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި މި ވިޔަފާރިތައް ފުޅާވާންޖެހޭކަމަށެވެ. އެހެންކަމުން އަންނަ އަހަރު މި ސިނާއަތް ކުރިއެރުވުމަށްޓަކައި އެސްޑީއެފްސީއަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޫކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" 2021 ވަނަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި ތަރައްގީ ކުރުމަށް ދައުލަތުގެ ބަޖެޓުން ވާނީ މުހިއްމު އިސްކަމެއްދީފައި. މިގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރަމުންދާނެ. އެސްޑީއެފްސީއަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ދޫކުރާނެ. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް-19 ރިލީފް ލޯނު ފޯރުކޮށްދިނުމުގައި ވެސް އެސްޑީއެފްސީއިން މުހިންމު ރޯލެއް އަދާކޮށްފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އެސް.ޑީ.އެފް.ސީން ވަނީ 547 ވިޔަފާރީ ތަރައްގީކުރުމަށް 708 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައެވެ. އަދި ކޮވިޑް-19ގެ ރިލީފް ލޯނުގެ ގޮތުގައި 2100 އެއްހާ ވިޔަފާރިއަށް 364 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން އެސްއެމްއީ ބޭންކުގެ ނަމުގައި ބޭންކެއް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މައިގަނޑު 6 ދާއިރާއަކުން ލޯނު ދޫކުރެއެވެ. އެއީ ވިޔަފާރި ތަރައްޤީ ލޯނާއި، ހަރުމުދާ ގަތުމުގެ ލޯނާއި، ދަނޑުވެރި ނަފާ ލޯނާއި، ވިޔަފާރި އެހީ ލޯނާއި، ރަށުފަތުރު ލޯނާއި، ފަށާ ވިޔަފާރި ލޯނެވެ.