ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 24 މީހުން، ބަލިން ރަނގަޅުވީ 26 މީހުން


މިއަދު ރާއްޖެއިން އިތުރު 24 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން އާދިއްތަ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 18 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 6 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 24 މީހުންގެ ތެރެއިން 18 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 6 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،986 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 26 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،092 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 40 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 847 އަށް އަރާފައިވާއިރު 226 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 60 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ވޯޑުގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 44 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 3 މީހަކަށް ފަރުވާދެމުންދަނީ އައި.ސީ.ޔޫގައެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ބ.އޭދަފުށީގައި 6 މީހުނަށް އަދި ލ. ގަމުގައި 6 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1392 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށަކުންނާއި، 26 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 5 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 52 ފަތުރުވެރިއަކާއި، 138 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.