ސައިހޮޓާ، ކެންޓީން އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، މިއަދުން ފެށިގެން ފިހާރަތަކާއި، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނެސްފައިވާކަމަށެވެ.
މި ބަދަލާއިއެކު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށެވެ. ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 10:00 އަށެވެ.
މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ. މިތަންތަނުންވެސް ކަސްޓަމަރުންނަށް ޙިދުމަތްދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށް ވަނީ އަންގާފައެވެ. މީގެ ކުރިން ކެފޭ ރެސްޓޯރަންޓްތައްް ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 10:30 އެވެ.
ކޯވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން މިއަދުން ފެށިގެން ލުއިދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މާލޭ ސަރަހައްދުގައި އިއްވާފައިވާ ކާފިއުގެ ވަގުތު ކުޑަކުރުމާއި، އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޕާކުތަކާއި މައިޒާންތަކާއި ދާރުލްއާސާރުތައް ހުޅުވައިލުމަށްވެސް ވަނީ ހުއްދަ ދީފައެވެ.