ދުނިޔެ

ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފަށް ކޯވިޑް ޖެހިއްޖެ


އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފް، މާކް މެޑޯސްއަށް ކޯވިޑް-19 ޖެހިއްޖެއެވެ.
ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފަށް ކޯވިޑް-19 ޖެހިފައިވާކަން ސަރުކާރުގެ ދެ އޮފިޝަނަލުވަނީ ޔަޤީންކޮށްދީފައެވެ. ނަމަވެސް އޭނާއަށް ބަލި ޖެހުނީ ކޮން އިރަކުކަމެއް އަދި ކިހިނެތްކަމެއް އެ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ މިހާރުގެ ޙާލަތާއި ގުޅޭ އެއްވެސް ތަފްޞީލެއްވެސް ދީފައެއް ނުވެއެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ބަލިޖެހިފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އެއް ދުވަހަށްވުރެ އަނެއް ދުވަހު އިތުރުވަމުންދާތާ ވިދިވިދިގެން ތިން ދުވަސްވަނީ ވެފައެވެ. އިއްޔެ އެކަނިވެސް 127،000 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ.

ރައީސް ޓްރަންޕުގެ އެންމެ އިސް މުޝީރު އަދި ކުރީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމުގައިވާ މެޑޯސްވަނީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޓްރަންޕުގެ އަރިހުގައި ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންފައެވެ. އެންމެ ފަހުން އާންމުންނަށް އޭނާ ފެނިފައިވަނީ އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ވިދާޅުވެ ރައީސް ޓްރަންޕު ވާހަކަ ދެއްކެވި އިރު ރައީސްގެ އަރިހުންނެވެ. އެދުވަހުވެސް އޭނާ ހުންނެވީ މާސްކެއް ތުރުކުރައްވައިގެންނެއް ނޫނެވެ.