ކުޅިވަރު

ޕްރެޒިޑެންޓް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއެންޓަށް


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއެންްޓް ހޯދައިފި. މިއަދު އައްޑޫ ސިޓީގައި ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗް ނިއުރޭޑިއެންޓް ކާމިޔާބުކުރީ އިގަލްްސްއާ ވާދަކޮށް ދެލަނޑު އެއްލަނޑުންނެވެ. މެޗްގެ ފުރަތަމަ ގޯލް 32 ވަނަ މިނެޓްގައި ނިއުރޭޑިއެންޓްގެ ރިލްވާން ވަހީދު ޖެހީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ބޭރުންނެވެ. މެޗްގެ ދެވަނަ ހާފް ފެނުނީ އީގަލްސް މާ ވަރުގަދަކޮށެވެ. ނިއުރޭޑިއެންޓްގެ ލަނޑަށް ފަހު އީގަލްސްއިން ގިނަ ހަމަލާތަކެއް ނިއުރޭޑިއެންޓްގެ ގޯލާ އަމާޒުކުރިއެވެ. ނަމަވެސް ނިއުރޭޑިއެންޓްގެ ގޯލް ކީޕަރ ހުށިޔާރުކަމާއެކު މިހަމަލާތަށް ދިފާޢުކުރިއެވެ. މެޗް ނިމެން ދިހަ  މިނެތަށް ވެފައިވަނިކޮށް އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބޫއެވެ. މިލަނޑު އަބޫ ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ނިއުރޭޑިއެންޓްގެ ކުޅުންތެރިން ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އީގަލްސް ލަނޑު ޖެހިތާ ތިން މިނެޓްފަހުން ނިއުރޭޑިއެންޓްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފައިނަލްގެ ޖާގަ ހޯދަދިނީ ކެޕްޓަން އަސަދު އަލީއެވެ. އަސަދު މިލަނޑު ކާމިޔާބުކުރީ ނިއުރޭޑިއެންޓްއިން ނެގި ކޯނަރަކުން ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗަށްފަހު ނިއުރޭޑިއެންގެ ވަގުތީ ކޯޗް ސަބާހު މުހައްމަދު ބުނީ މެޗުން މޮޅުވުމުގެ އަސްލަކީ ސީނިއާ ކުޅުންތެރިން މެޗްގައި ދެއްކި މޮޅު ކުޅުން ކަމަށެވެ." މިއަދު މިފެނުނީ ޓީމްގައި ތިބި ކުޅުންތެރިން އަހަންނަށް އިތުބާރުކޮށް ކުޅުނުތަން. ޓީމް މޮޅުވުމުގެ އަސްލަކީ އެކުޅުންތެރިން ހާއްސަކޮށް ތަޖުރިބާކާރު ކުޅުންތެރުން ޑިސިޕްލިންއާއެކު ދައްކާ ކުޅުން" ސަބާހު ބުންޏެވެ.މިއީ ސަބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ޓީމެއް ފައިނަލަކަށް ނިކުންނަ ފުރަތަމަ ފަހަރެވެ. ސަބާހު ބުނީ އޭނާއަށް މިފުރުސަތު ލިބުނީ މެނޭޖްމަންޓުން އޭނާ އަށް ކުރި އިތުބާރެއްގެ ބޮޑުކަމުން ކަމަށެވެ.މެޗުން ބަލިވެ މުބާރާތާ އަލްވަދާޢު ކިޔަން ޖެހުނު އީގަލްގެ ކޯޗް އިހުސާން އަބްދުލްޢަނީ ބުނީ މިއީ އީގަލްސް ހުސްއަތާ ދާން ޖެހޭ މުބާރާތެއް ނޫން ކަމަށެެވެ." އީގަލްސް މޮޅަށް ކުޅެފި. ޓީމްތަކާ ވާދަކުރިތަން ފެނިއްޖެ. މިއީ އަހަރުމެން މިހާ ހިސާބުން ވަކިވެގެންދާން ޖެހޭ މުބާރާތެއް ނޫން: އިހުސާން ބުންޏެވެ.ސެމީފައިނަލް ދެވަނަ މެޗްގައި މާދަމާ ވާދަކުރާނީ ޓީސީއާ މާޒިޔާއެވެ. މިމެޗްވެސް ފަށާނީ 15:45ގައެވެ.