ރ.ދުވާފަރުގައި ކުރިއަށްގެންދިއުންމަށް ނިންމާފައިވާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ، ބަޖެޓުގެ ބޭރުން އަލަށް ފަށައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނޫންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާފައި ވަނީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށައެޅުއްވި ސުވާލާއި ގުޅިގެންނެވެ. މޫސާ ސިރާޖުވަނީ ބަޖެޓުގައި ހިމަނާފައިނުވާ، 37މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ޕްރޮޖެކްޓެއް ފެށީ ކީއްވެގެންތޯ މިނިސްޓަރ އަސްލަމްއާއި ސުވާލުކުރައްވާފައެވެ.
ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރ.ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެދަށުން 2018ވަނަ އަހަރުން ފެށިގެން އެރަށުގެ 13 މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓުން ހަދާ މަގުތައް އިތުރުކޮށްފައި ވަނީ، މިހާރު ހަދާ 13މަގުން، އެރަށަށް ދިމާވެފައިވާ މައްސަލައަށް ޙައްލެއް ނުގެނެވޭތީ ކަމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މިއީ ބަޖެޓަށް އައު މަޝްރޫޢުއެއްގެ ގޮތުގައި އިތުރުކުރި ޕްރޮޖެކްޓެއް ނޫންކަމަށާއި، 2018ވަނަ އަހަރު ފެށި މަސައްކަތަށް އިތުރުކުރި ބައެއް ކަމަށެވެ. ދުވާފަރުގައި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 9މަގު ހެދުމަށް ހަވާލުކޮށްފައިވަނީ، މިހާރުވެސް އެރަށުގައި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއާއެވެ. މަޝްރޫޢުއަށް އިތުރުކުރި ބަޔަށް 37.8 މިލިއަން ރުފިޔާ ހޭދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އިތުރުކުރާ މަސައްކަތްތަކަށް 15%އަށްވުރެ އިތުރަށް ފައިސާ ޚަރަދުވާނަމަ އައު ކޮންޓްރެކްޓެއް ހަދަން ޖެހޭނީ. އެހެންވީމަ މި މަސައްކަތަށް އައު ކޮންްޓްރެކްޓެއް ހެދީ. ދުވާފަރު މަގުހެދުމަށް މިއަހަރަށް ކަނޑައެޅި ފައިސާ އެކްސީޑްވެގެން ނުދޭ. 13މަގު ނިމުމުން އަދި މައްސަލައަށް ޙައްލު ނުލިބޭ. އެހެންވީމައި ދަޢުލަތަށް އެންމެ ފައިދާހުރި ގޮތަށްވާތީ އެ ގޮތަށް ޢަމަލުކުރީ." މިނިސްޓަރ އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 13 މަގުގައި މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާނީ ފުރަތަމަ ފިޔަވަހީގެ 13މަގުގެ މަސައްކަތް ނިމުމުންކަމަށް އެމްޓީސީސީން މީގެކުރިންވަނީ ވިދާޅުވެފައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 82%މަސައްކަތް މިހާރުވަނީ މުޅިން ނިމިފައެވެ.