އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއިން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ މަސައްކަތް އަންނަ މަހު ލ. އަތޮޅުގައި ފެށޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ "ކޮންޓްރެކްޓް ފާމިން" މަސައްކަތް ކުރުމަށް ބޭނުންވާ ސަރވޭ ހެދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން 43 ރަށެއްގައި މި ސަރވޭ ހަދާއިރު މިހާރު ސަރވޭ ނުނިމިއޮތީ ހުވަދޫއާއި އައްޑޫ އަދި ފުވައްމުލައް އެކަންޏެވެ.
މިމަހުގެ 17 ހިސާބުގައި ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ހަރޫން ވިދާޅުވިއެވެ. ސަރވޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ކޮންޓްރެކްޓް ފާމިންގގެ މައުލޫމާތު ދަނޑުވެރިންނަށް ހިއްސާކުރުމާއި، މިކަން ކުރަން ބޭނުންވާ ދަނޑުވެރިނަށް އެޕްލިކޭޝަން ފޯމު ފުރައިދިނުމާއި، ދަނޑުވެރިން ހައްދަނީ ކޮންކޮން ބާވަތެއްތޯ ބެލުމާއި ދަނޑުވެރިކަން ކުރަނީ ކިހާވަރެއްގެ ބިމުގެ ސަރަހައްދެއްގަތޯ ބެލުމުގެ މަސައްކަތެވެ. 500 އަކަފޫޓުގެ ސަރަހައްދެއްގައި ދަނޑުވެރިކަން ކުރާނަމަ ކޮންޓެކްޓް ފާމިންއަށް އެޕްލައިކުރެވޭނެއެވެ.
ހާރޫން ވިދާޅުވީ ސަރވޭ ނިމުމަށްފަހު އެންމެ ފުރަތަމަ "ކޮންޓްރެކްޓް ފާމިން" ގެ މަސައްކަތް ފަށާނީ ލ. އަތޮޅުގައިކަމަށެވެ. ކޮންޓްރެކްޓް ފާމިންގެ ދަށުން ރާއްޖޭ 5 ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. ހައްދާތަކެތި ދަނޑުވެރިންގެ މެދުގައި ބަހާލައި ކޮންމެ ދަނޑުވެރިއަކަށްވެސް މަދުވެގެން 2 ބާވަތް ހެއްދުމަށް ދޭނެކަމަށް ހާރޫން ވިދާޅުވިއެވެ. މިމަހުގެ ތެރޭގައި ދަނޑުވެރިން ހައްދަންޖެހޭ ބާވަތްތައް އެމީހުންނަށް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތައް ދަނޑުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އެ ކޯޕަރޭޝަނުން ބުނެއެވެ.