ދުނިޔެ

ލަންކާގެ މައި ޕީސީއާރު މެޝިން ހަލާކުވެ ރިޕޯޓު ދޫކުރުމުގައި ލަސްތަކެއް


ސްރީލަންކާގައި ކޯވިޑް-19އަށް ތަހުލީލުކުރުމަށް ބޭނުންކުރާ މައި ޕީސީއާރު މެޝިނަށް މައްސަލަތަކެއް ދިމާވެ ތަހުލީލުކުރުމުގައި ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސްރީލަންކާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުނުވެ ދުވަސްކޮޅަކު އޮތުމަށްފަހު ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އަނެއްކާވެސްވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށާފައެވެ. އެ ޤައުމުގައި މިހާތަނަށް 11،060 މީހުންނަށް ބަލި ޖެހި 21 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 397 މީހަކަށްވަނީ ބަލިޖެހިފައެވެ.

ސްރީލަންކާގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. ޖަޔާރުވަން ބަންޑާރަ ވިދާޅުވީ އެ ޤައުމުގެ މުލެރިވަޔާގެ ބޭސް ހަސްފަތާލުގައި ހުންނަ ކޯވިޑް-19އަށް ތަހުލީލުކުރާ މައި ޕީސީއާރު މެޝިން މި ހަފުތާގެ ކުރީކޮޅުގައި ހަލާކުވެފައިވާކަމަށެވެ. ދުވާލެއްގެ މައްޗަށް 500އާއި 1،000އާއި ދެމެދުގެ ޢަދަދަކަށް ސާމްޕަލު ތަހުލީލުކުރެވޭ އެ މެޝިނު ހެދުމަށް ބޭރުގެ މާހިރުން ޙަރަކާތްތެރިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއިން އައި މާހިރުންގެ ވަފުދުން މިހާރުވަނީ މެޝިނަށް ދިމާވެފައިވާ މައްސަލަ ހޯދާފައެވެ.

ސްރީލަންކާގައި މުޅިއަކު 25 ޕީސީއާރު މެޝިނު އެބަހުއްޓެވެ. އެ މެޝިނުތަކުން ދުވާލެއްގެ މައްޗަށް 8،000 ސާމްޕަލު ތަހުލީލުކުރެވޭނެއެވެ. ނަމަވެސް ބޭސް ހަސްފަތާލުގައި ހުރި މެޝިނު ހުއްޓުމަކަށް އައުމުން ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ކުރަމުންދާ މަސައްކަތަށްވަނީ ހިޔަނި އެޅިފައެވެ. ކޯވިޑް-19 ލެބޯޓްރީއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ އެ މަރުކަޒުގައި
މިހާތަނަށް 26،000އަށްވުރެ ގިނަ ތަހުލީލުވަނީ ކޮށްފައެވެ. އެ މެޝިން ހަލާކުވުމުން ތަހުލީލަށް އެއްކޮށްފައިވާ 20،000އަށްވުރެ ގިނަ ސާމްޕަލުގެ ނަތީޖާތައް ފޯރުކޮށްދިނުންވަނީ ލަސްވެފައެވެ.