ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އައްޔަންކޮށްފި


ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހިމެނޭގޮތުން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އައްޔަންކޮށްފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ 6 މަގާމެއް ހުސްވެފައިވާތީ މެންބަރުން އައްޔަންކުރުމަށް އިލެކްޝަން ބާއްވާފައިވަނީ އިއްޔެއެވެ. މި އިލެކްޝަންގައި ރައީސް ކަމަށް ހޮވާފައިވަނީ ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު އެވެ. ނައިބުރައީސްއަކަށް އިންތިހާބުކޮށްފައިވަނީ ހަމްޒާ ގާސިމްއެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް ސައުދުﷲ އަހުމަދު، ކޯޕަރޭޓް އެފެއާޒްގެ މަޤާމަށް ރާއިފް ޝާޒް ވަލީދު އަދި އެކްސްކޯގެ ދެ މެންބަރުންނަށް ހޮވާފައިވަނީ އަހުމަދު ވަހީދު އަދި އަހުމަދު ސަމާހުއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ބައެއް މަގާމުތަކަށް މީހުން ހޮވާފައިވަނީ ކުރިން އެ މަގާމުތަކުގައި ތިބި މެންބަރުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ގެސްޓްހައުސް އެސޯސިއޭޝަންގެ މުޅި އެގްޒެކްޓިވް ކޮމިޓީގައި ތިއްބަވަނީ 15 މެންބަރުންނެވެ. އޭގެތެރޭގައި ރައީސް އާއި 2 ނައިބުރައީސްވެސް ހިމެނެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ބައެއް މަގާމުތަކަށް މެންބަރުން އައްޔަންކޮށްފައިވާއިރު ކުރިމަތިލުމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި މިއަހަރުގެ ސެޕްޓެމްބަރުމަހާއި ހަމައަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ގޯލްޑް މެންބަރޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވުމާއި، ގެސްޓްހައުސް އެސޯސިއޭޝަން ތަމްސީލްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުމާއި، ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް އޮތުން ހިމެނެއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް 46 ގެސްޓްހައުސްއަކަށް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. ގެސްޓްހައުސް ސިނާއަތަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުންއަންނަ ސިނާއަތެކެވެ.