ވިޔަފާރި

މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުން


2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާއަށް 905 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ ބީ.ޕީ.ޓީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްއެކެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެއީ ބީޕީޓީގެ ގޮތުގައި ބަލައިގަތް އާމްދަނީގެ 38.10 އިންސައްތައެވެ.

2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ބީޕީޓީގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވާއިރު 2018 ވަނަ އަހަރު ލިބިފައިވަނީ 657 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު 2 ވަނައަށް ދައުލަތައް އެންމެ ގިނައިން ބީޕީޓީ ދައްކާފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިންނެވެ. 2019 ވަނަ އަހަރު ދައުލަތައް ލިބުނު ބީޕީޓީގެ 15.70 އިންސައްތަ ހިއްސާކުރަނީ މިދާއިރާއެވެ. 2019 ވަނަ އަހަރު ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުން 372 މިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި ވަނީ ދައްކާފައެވެ. 2018 ވަނަ އަހަރު މި އަދަދު އުޅުނީ 377 މިލިއަން ރުފިޔާގައެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި ދައުލަތައް ބީޕީޓީގެ ގޮތުގައި އާމްދަނީ ލިބިފައިވާ ބައެއް ދާއިރާތަކަށް ބަލާއިރު އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ދާއިރާއިން 282 މިލިއަން ރުފިޔާއާއި، ޓްރާންސްޕޮޓޭޝަން އަދި ސްޓޯރޭޖްގެ ދާއިރާއިން 260 މިލިއަން ރުފިޔާ އަދި އިމާރާތްކުރުމުގެ ސިނާއަތުން 92 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބީ.ޕީ.ޓީއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްއެކެވެ. ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ވަކި ފަރުދުން އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތަކުން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ.