މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މިމައްސަލަ ފޮނުވާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރުބަލާ ކޮމިޓީއަށެވެ.
މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް އަޙްމަދު ނަސީމް އައްޔަންކުރައްވާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ނަސީމް ޢައްޔަންކުރައްވާފައި ވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ. އަމީން އިސްތިއުފާދެއްވާފައި ވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި ހުންނެވި އަމީން މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް އޭސީސީން ތަޙްގީގްކުރި ރިޕޯޓް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިނަމަވެސް ދައުވާކުރެވެން ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލިފަހުންނެވެ.
އޭސީސީގެ ތަޙްގީގް ރިޕޯޓްގައި ވަނީ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދިފައެވެ. ނަމަވެސް ޕީޖީން ވަނީ އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.