ވިޔަފާރި

"އާބަން ގާޑެނިން"ގެ ފުރަތަމަ މަޝްރޫއު ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރަހުގައި


މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ތައާރަފްކޮށްފައިވާ "އާބަން ގާޑެނިން" ގެ ފުރަތަމަ މޮޑެލް ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ތަރައްޤީކުރަން ނިންމައިފިއެވެ.

އާބަން ގާޑެނިން ޕްރޮޖެކްޓަކީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

"އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮއްފައެވެ. މިއެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

"އާބަން ގާޑެނިން" މޮޑެލްއަކީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކޮށްފައިވާ މޮޑެލްއެކެވެ. މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.

މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ވަން އާތް އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއިއެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

އާބަން ގާޑެނިންގ ޕްރޮގުރާމް ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ޕްރޮގުރާމް ކުރިއަށްގެންދާ ފަރާތެއް ހޮވުމުގައި މިނިސްޓްރީން ގިނަ ކަންތައްތަކަކަށް ވަނީ ބަލާފައެވެ. އެގޮތުން ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރާއި، އަވި ލިބޭ ނިސްބަތް ހިމެނެއެވެ.