ޚަބަރު

ޕޮމްޕެއޯގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާނެ - ފޮރިން މިނިސްޓްރީ


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދ ޞާލިޙާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރައްވާނެކަމަށެވެ. އެގޮތުން ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުންނާއި އެބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެމެރިކާގެ މިހާ މަތީފަންތީގެ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992ގައެވެ. އެފަހަރުވެސް ރާއްޖެ ވަޑައިގެންނެވީ އޭރުގެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމުގައި ހުންނެވި ޖޭމްސް އެޑިސަން ބޭކާއެވެ.

އެހެންކަމުން މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ އެޤައުމުގެ ޚާރިޖީ ކަންކަމާ ގުޅޭގޮތުން އެޤައުމުގެ ރައީސަށް ލަފާއަރުވާ އެންމެއިސް ބޭފުޅާއެވެ.

ޕޮމްޕެއޯ ރާއްޖެއާއި ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކަށްފަހުގައެވެ.