ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދު ނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް އިއްޔެ ހުށައަޅާފައެވެ. 11 މެންބަރުން ސޮއިކުރައްވާ ހުށައެޅި މިމައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނާއި، މިނިވަން ދެމެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވެސް ވަނީ ސޮއިކުރައްވާފައެވެ. ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާކަން އިޢުލާންކުރައްވާފައެވެ.
މަޖިލީހުގެ ރައީސްގެ އެވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެއީ އެމްޑީޕީން ތާޢީދު ނުކުރާނެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ޕާޓީއެއްކަމަށާއި، އެޕާޓީން ސަރުކާރު ދިފާއުކުރައްވާނެކަށެވެ. އަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެކަމަށެވެ.
"އަޅުގަނޑުމެންނަކީ ސަރުކާރުގެ ބައިވެރިއެއް. އަބަދުވެސް ކަމަކަށް ނުކުންނައިރު އެޖެންޑާއެއްއޮވޭ. އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކޮންމެ ފަހަރަކު ހުސްބުޅީގައި ގަންނާނެކަމަށް. އެޖެންޑާއިން ބޭރުން ހުސްބުޅީގަ ކަންކަން ވާނެކަމަށް. ސަރުކާރާއި އިތުބާރު ނެތްކަމަށް ދެއްކުމަށް ވާދަވެރިފަރާތްތަކުގެ އަދަދު އޮތްކަން ފެނޭ އެއްޗެހި ހުށައަޅާއިރު."ޢަލީ އާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނު އަސާސީ ބުނާގޮތަށް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމެވުމުގެކުރިން ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުއްވާނެކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ މަތިން އެމައްސަލަ އެޖެންޑާކުރައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ހައްގު އެމެންބަރަކަށް ލިބިގެންވާކަމަށެވެ.
ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންންނެވެ. މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ. އަދި އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށެވެ. އަދި އެއީ ރޭޕްކުރުމެއް ނޫންކަމަށާއި، އެކަމުގައި މީޑިއާ އާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރގެ އެވާހަކަފުޅައި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ.