އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަނީ އޮސްޓްރިއާގެ ވިއެނާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުއެވެ. އެ އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެއެވެ. އަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާއި ދިމާކޮށް 60 މަންޒިލަކަށް އޮސްޓްރިއަން އެއަރލައިނުންދަނީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
އޮސްޓްރިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށް 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހީނަރުވެފައެވެ. ނަމަވެސް ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއިއެކު ގިނަ އެއަރލައިންތަކަކުން އަލުން ދަތުރުތައް ބާއްވަންފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އޮސްޓްރިއަން އެއަރލައިންއަކީ ރާއްޖެއަށް އަލުން ދަތުރުތައްފެށި 12 ވަނަ އެއަރލައިނެވެ. އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.