ކުޅިވަރު

އެލްކްލެސިކޯ މެޗު ރެއާލައަށް


މި ސީޒަނުގެ އެލްކްލެސިކޯ މެޗު ސްޕެއިންގެ ރެއާލްމެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑު ވާދަކުރި މެޗު މެޑްރިޑުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު މެޑްރިޑުން ވަނީ ލީޑްނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މެޑްރިޑުން ލަނޑު ކާމިޔާބުކޮށްދިނީ ފެޑްރިކޯ ވަލްވާޑޭއެވެ. މި ލަނޑުޖެހިތާ މާގިނަ އިރުތަކެއް ނުވެ ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަކޮއްފައެވެ.

މެޗުގެ އަށްވަނަ މިނުޓުގައި ބާސެލޯނާއިން ނަތިޖާ ހަމަހަމަކޮށްދިނީ އަންސޫ ފަޓީއެވެ. މިއާއެކު އުމުރުން 17 އަހަރުގެ ފަޓީ ވެފައިވަނީ އެލްކްލެސިކޯ މެޗެއްގެ ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މެޗުގެ ދެވަނަހާފްގައި ބާސެލޯނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި ހާފްގައި މެޑްރިޑުން ލީޑް ނެގީ ލިބުނު ޕެނެލްޓީއަކުން ސާޖިޔޯ ރާމޯސްއެވެ. މެޑްރިޑުން އިތުރަށް ލީޑް ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައި ލުކާ މޮޑްރިޗްއެވެ. މިއީ ހަތަރު އަހަރުފަހުން ބާސެލޯނާ ދަނޑުގައި މެޑްރިޑް މޮޅުވި ފުރަތަމަފަހަރެވެ.

ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. އެތުލެޓިކޯ މޮޅުވީ ރެއާލް ބެޓިސްއާ ވާދަކޮށް 2-0 ލަނޑުންނެވެ. ދެވަނަހާފްގައި ލަނޑުތައް ފެނުނު މެޗުގައި ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ފުރަތަމަ މިނިޓުގައި ކާމިޔާބުކުރީ މާކޯސް ލޮރެންޓޭއެވެ. އެތުލިޓިކޯގެ ދެވަނަލަނޑު މެޗުގެ އިތުރުވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ ލުއިސް ސުވަރޭޒްއެވެ. މިމެޗުގެ ދެވަނަ ހާފްގައި ރެއާލް ބެޓިސްގެ މާޓިން މޮންޓޯޔާއަށް ވަނީ ރަތްކާޑުދައްކާ ދަނޑުފޮނުވާލާފައެވެ.

ރޭ ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެލްޗޭ ވަނީ ވެލެންސިޔާގެ މައްޗަށް 2-1 ލަނޑުން ކުރިހޯދާފައެވެ. އޮސަސޫނާއިން 1-0 ލަނޑުން އެތުލިޓިކޯ ބިލްބާއޯ ބަލިކުރިއިރު އެއިބާއިން ވަނީ ސެވިއްޔާގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ.

މި ނަތީޖާ އެކު ރެއާލް މެޑްރިޑުން ލީގުގައި ކުރީގަ އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ. ރޭގައި ހޯދި މޮޅާއެކު އެތުލިޓިކޯ މެޑްރިޑު ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. ހަމަ މިއަދަދަށް ރެއާލް ސޮސެއިޑާޑް އާއި ވިޔަރެއާލް ޕޮއިންޓް ހޯދާފަ ވާއިރު ތިންވަނަ ސޮސެއިޑާޑް އަށް ލިބެނީ ލަނޑުގެ ތާފާތުންނެވެ. ހަތަރުވަނައިގަ އޮތީ ވިޔަރެއާލްއެވެ.